29 Jan 2014, 10:27
ގާހިރާ (ޖަނަވަރީ 29): މިސްރުގެ ދިފާޢީ ވަޒީރު ޑރ. މުހައްމަދު މުރުސީގެ ވެރިކަން ވައްޓާލި ޢަސްކަރީ އިންގިލާބުގައި އިސްކޮށްހުންނެވި ޖެނެރަލް އަބްދުލްފައްތާޙް އައްސީސީ މިސްރުގެ ވެރިކަމާ ޙަވާލުވެ ވަޑައިގެންފި ނަމަ މިސްރުގެ ރައްޔިތުންނަށް ދަތިތަކަކާ އުނދަނގޫތަކެއް ކުރިމަތިވެދާނެ ކަމަށް ވިދާޅުވެ މިކަމަށް ކެތްތެރިވުމަށް މިސްރުގެ ރައްޔިތުންނަށް އިލްތިމާސްކުރައްވައި އޭނާ ދައްކަވާފައިވާ ސިއްރު ވާހަކަތަކެއް ބޭޒާރުވެއްޖެ އެވެ.
މިސްރުގެ މީޑިޔާގައި ލީކުކޮށްލާފައިވާ ޖެނެރަލް ސީސީގެ މިވާހަކަތަކުގައި މިސްރުގެ ވެރިކަމާ ޙަވާލުވެވަޑައިގަންނަވަން އޭނާ ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާ ކަމާއި އޭނާ ވެރިކަމާ ޙަވާލުވަޑައިގަތުމަކީ މިސްރުގެ ރައްޔިތުންނަށާއި ގައުމީ މަސްލަހަތަށް އޮތް އެންމެ ރަނގަނޅު ގޮތްކަމަށް ސިފަކުރައްވައި މިކަމަށް ތާއީދުކުރެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ. ނަމަވެސް ސީސީގެ ވާހަކާގައި އޭނާ މިސްރުގެ ވެރިކަމާ ޙަވާލުވެ ވަޑައިގެންފި ނަމަ މިސްރުގެ ރައްޔިތުންނަށް ދަތިތަކަކާ އުނދަނގޫތަކެއް ކުރިމަތިވެދާނެ ކަމަށް އެއްބަސްވެވަޑައިގެން މިކަމަށް ކެތްތެރިވުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފައިވެ އެވެ. މިސްރުގެ ސިފައިން ވަނީ ޖެނެރަލް ސީސީ ރިޔާސަތަށް ކުރިމަތިލެއްވުމަށް ތާއީދުކޮށް ބަޔާނެއް ވެސް ނެރެފަ އެވެ.
އަނެއްކޮޅުން މިސްރުގެ ޑރ. މުރުސީގެ ވެރިކަން މިދިޔަ ޖުލައި މަހު ވައްޓާލި އަސްކަރީ އިންގިލާބާ ދެކޮޅަށް މިސްރުގެ އެތައް ހާސްބަޔަކު އެގައުމުގެ އެތަށް ސަރަހައްދެއްގައި ފުޅާދާއިރާއެއްގައި މުޒާހަރާތަކާއި އިހްތިޖާޖްތައް ކުރަމުން އެބަގެންދެ އެވެ. މިމުޒާހަރާތަކާއި އިހްތިޖާޖްތައް ކުރިޔަށްދާ ސަރަހައްދުތަކުގެ ތެރޭގައި ގާހިރާ، ގަލްޔޫބިއްޔާ، ޖީޒާ، ބޫރުސައީދު އަދި ޙުލްވާން ހިމެނެ އެވެ. މުޒާހަރާތައް ކުރަމުންގެންދާ އެތަށް ހާސްބަޔަކުވަނީ ފާއިތުވި ހައެއްކަ މަސްދުވަހުގެ ތެރޭގައި މިސްރުގެ ސަލާމަތީ ބާރުތަކުގެ އަތްދަށުން މަރާލާފައިވާ އާންމުންގެ އެތަށް ސަތޭކަބައެއްގެ މަރުގެ ޒިންމާ މިސްރުގެ އިންގިލާބީވެރިން އުފުއްލަވަންޖެހޭކަމަށް ބުނެ އިންގިލާބީ ވެރިންނާ ދެކޮޅަށް ގިސާސް ހިފައި އެމީހުން ޢަދާލަތަށް ހާޒިރުކުރުމަށް ގޮވާލާފަ އެވެ.
ޑރ. މުރުސީ ވެރިކަމުން ދުރުކުރި އަސްކަރީ އިންގިލާބާ އިދިކޮޅު ހަރަކާތްތައް މިސްރުގައި އިތުރަށް ފުޅާވެފައި މިވަނީ މުރުސީގެ ވެރިކަން ވައްޓާލުމަށް ސިފައިން ގެނައި އިންގިލާބުގެ ވެރިއަކަށް ހުންނެވި ޖެނެރަލް އަބްދުލްފައްތާޙް އައްސީސީ، މިސްރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާނެކަމުގެ ޚަބަރުތައް ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ. (އަލްޖަޒީރާ)