ދިޓީވީގެ މަޝްހޫރު ޕްރެޒެންޓަރު މުހައްމަދު އަމީތު ރައްޔިތުންގެ މަޖިލީހުގެ ގޮޑިއަކަށް ވާދަކުރެއްވުމަށް ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ޓިކެޓެއް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައިފި އެވެ.

ދިޓީވީގެ ހަބަރު ގަޑިތަކުގެ އިތުރުން "ހަބަރު ތެރެއިން" ޕްރޮގްރާމް ހުށަހަޅާދެމުން އަންނަ އަމީތު ވިދާޅުވީ ޕީޕީއެމްގެ ޓިކެޓެއް ހޯދުމަށް ވާދަކުރުމަށް ފޯމް ހުށަހަޅުއްވާފައިވާ ކަމަށާއި ވާދަކުރަން ނިންމަވާފައި ވަނީ ރ. މަޑުއްވަރީ ދާއިރާގެ ޓިކެޓް ހޯއްދެވުމަށް ކަމަށެވެ.

އަމީތު ވިދާޅުވީ އެ ދާއިރާގެ ޓިކެޓް ހޯއްދެވުމަށް މަސައްކަތް ކުރައްވަން ނިންމެވީ އެދާއިރާގެ ގޮޑި ކާމިޔާބުކުރައްވައިގެން ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ގިނަ ހިދުމަތްތަކެއް ކުރެވޭނެ ކަމަށް ބަލައިގެން ކަމަށާއި މަޑުއްވަރީ ދާއިރާގެ ރައްޔިތުންނަކީ އަމީތުއާ ވަރަށް ގާތް ބައެއް ކަމަށެވެ.

"މިހާރު ގައުމަށް ހިދުމަތްކުރެވެން އޮންނަނީ ސިޔާސީ ދާއިރާގެ ތެރެއިން. އެގޮތުން ބަލާއިރު ރާއްޖޭގެ އެންމެ ބޮޑު ޕާޓީއަކީ ޕީޕީއެމް ކަމުން އެ ޕާޓީގެ ޓިކެޓް ހޯދަން މިނިންމީ. މިދާއިރާގެ ޓިކެޓް ކާމިޔާބުކުރެވޭނެ ކަމުގެ އުއްމީދު އޮތީމާ،" އަމީތު ވިދާޅުވި އެވެ.

މީގެ ކުރިން މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޯޕަރޭޝަން (އެމްބީސީ)ގެ މަޝްހޫރު ނޫސްވެރިޔާ އަދި ޕްރެޒެންޓަރު އައިޝަތު ލީޒާ ވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ޕީޕީއެމްގެ ޓިކެޓް ހޯއްދެވުމަށް ޕްރައިމަރީ އަށް ކުރިމަތިލައްވާފަ އެވެ.