ސްވެރިކަމާއިގުޅޭ ދާއިރާތަކުން މީހުން ތަމްރީން ކުރުމަށް މަސްވެރިންގެ ޖަމިއްޔާ" މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަން" އިން ލ. ގަމު ތުޑީގައި އަވަށުގައި ކޮމިއުނިޓީ ޓްރެއިނިންގ ސެންޓަރެއް ހުޅުވައިފި އެވެ.

ފިޝަމެންސް އެސޯސިއޭޢޝަނުން ބުނީ ލ. ގަމު، ތުނޑީގައި ބޭއްވި ރަސްމިއްޔާތެއްގައި ފިޝަރީޒް ކޮމިއުނިޓީ ޓްރެއިނިންގް ސެންޓަރ އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު ޝިހާމު ކަމަށެވެ.

ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. އައިޝަތު ޝިހާމްގެ އިތުރުން މިނިސްޓަރު އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީއާއި އެ ދެ ވުޒާރާގެ އިސް ބޭފުޅުންނާއި އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަންގެ ޗެއަރމަން މރ. ޖޯން ބަރޓަންއާއި އެ ފައުންޑޭޝަންގެ އިސް އޮފިޝަލުންނާއި ސްވިޒަލޭންޑްގެ މިގްރޮސް ކުންފުނީގެ އެންގޭޖްމަންޓް ޑިވެލޮޕްމަންޓް ފަންޑްގެ ހެޑް މރ. ސްޓެފަން ޝޫބީއާއި، އަތޮޅު ކައުންސިލްގެ ރައީސާއި، ރަށު ކައުންސިލްގެ އިސްވެރިންނާއި، ލ. އަތޮޅުގައި ތިއްބެވި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނާއި، ސްކޫލް ދަރިވަރުންނާއި މަސްވެރިން ބައިވެރިވެވަޑައިގަތެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ފަންނީ އަދި ޢިލްމީ ތަމްރީންތައް ޒުވާނުންނަށް ފޯރުކޮށްދިނުމަކީ އާސަރުކާރުގެ މައިގަނޑު އަމާޒެއްކަމަށާއި އެގޮތުން މިއަދު އެ ސެންޓަރުގެ ސަބަބުން އެމަޤްސަދު ހާޞިލްކުރުމަށް ފަސޭހަވެގެންދާނެ ކަމަށް އުންމީދުކުރައްވާކަމުގަ އެވެ. އަދި ސެންޓަރުގެ މަސައްކަތްތަކުގައި ސަރުކާރުން ދެވެންއޮތް އެހީތެރިކަމާއި އެއްބާރުލެއްވުމެއް ދެއްވާނޭކަމުގައި ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ މަސްވެރިންނަކީ އަމިއްލަ މަސައްކަތާއި ހުނަރުން ކުރިއެރުން ހޯދާބަޔަކަށް ވާންޖެހޭކަމަށާއި، އެހެން ބަޔެއްގެ މައްޗަށް ބަރޯސާވުމެއްނެތް ފުދުންތެރިބަޔަކަށް ވާންޖެހޭކަމުގައި ވިދާޅުވި އެވެ. އަދި އެމަޤްސަދު ހާސިލްކުރުމުގައި އެންމެ މުހިންމު އެއްކަމަކީ މަސްވެރިންނަށް ޒަމާނީ ޓެކްނޮލޮޖީއާއި ފަންނީ ތަމްރީންތައް ފޯރުކޮށްދިނުންކަމަށާއި އެކަމަށްޓަކައި މިއަދު ފިޝަމަންސް އެސޯސިއޭޝަންގެ ފަރާތުން މި ފެއްޓެވި މަސައްކަތަކީ ވަރަށް ބޭނުންތެރި އަދި ސަރުކާރުން ބަލައިގަންނާނޭ މުހިންމު މަސެއްކަތެއް ކަމުގައި ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަން އަކީ ދުނިޔޭގެ ޤައުމުތަކުގައި ދޮށީގެ މަސްވެރިކަމާއި، ދެމެހެއްޓެނިވި މަސްވެރިކަމުގެ އުސޫލުތައް ތަޢާރަފްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. އެޖަމްއިއްޔާގެ ފަރާތުން ވަނީ ގަމުގައި ޤާއިމްކުރެވުނު ފިޝަރީޒް ކޮމިއުނިޓީ ޓްރެއިނިންގ ސެންޓަރ ޤާއިމްކުރުމުގައި މުހިންމު ދައުރެއް އަދާކޮށްދެއްވާފައެވެ.

މިޖަލްސާގައި އެ ފައުންޑޭޝަންގެ ޗެއަރމަން މރ. ޖޯން ބަރޓަންވެސް ވާހަކަފުޅުދެއްކެވި އެވެ. އަދި ފިޝަމަންސް ކޮމިއުނިޓީ ޓްރެއިނިންގ ސެންޓަރގެ ހަރަކާތްތައް ހިންގުމުގައި މާލީގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ސްވިޒަލޭންޑްގެ އެންމެ ބޮޑު އެއް ރީޓެއިލް ވިޔަފާރި ކަމަށްވާ މިގްރޮސް އިން ހިންގަވަމުންދާ އެންގޭޖްމަންޓް ޑިވެލޮޕްމަންޓް ފަންޑުގެ ހެޑް މރ. ސްޓެފަން ޝޫބީވެސް ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދެއްކެވި އެވެ. އެގޮތުން އެބޭފުޅާގެ ވާހަކަފުޅުގައި މި ފަންޑުގެ ސަބަބުން ފޯރުކޮށްދެވޭ އެހީތެރިކަން ދިވެހިރައްޔިތުންނާއި، ދިވެހި މަސްވެރިން ބަލައިގަތުމާއިއެކު އޭގެ ބޭނުން ފުރިހަމަގޮތުގައި ހިފާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި މި ސެންޓަރުން ހިންގާ ހަރަކާތްތަކުގެ ސަބަބުން ދިވެހިންނަށާއި ދިވެހި މަސްވެރިންނަށް އިތުރު ކުރިއެރުމާއި ފާގަތިކަން ލިބިގެންދާނޭކަމަށް އުންމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ. މރ. ޝޫބީގެ ވާހަކަފުޅުގައި އެންގޭޖްމަންޓްގެ މާނައިން ދޭހަވާ ފަދައިން ހުރިހާ އެންމެންގެ ބައިވެރިވުމާއިއެކު ގުޅިގެން މަސައްކަތްކުރުމަކީ ޕޮރޮޖެކްޓްތައް ކާމިޔާބުވުމުގައި މުހިންމު ކަމެއްކަމަށާއި އެހެންކަމުން އެގޮތުގެ މަތިން މަސައްކަތްތައް ކުރިއަށްގެންދިއުމަކީ ބޭނުންތެރިކަމެއްކަމުގައި ފާހަގަކުރެއްވި އެވެ.

ލ. ގަމުގައި ހުޅުވި ފިޝަމަންސް ކޮމިއުނިޓީ ޓްރެއިނިން ސެންޓަރަކީ މަސްވެރިންނަށް ތަފާތު ދާއިރާތަކުން ބޭނުންވާ ހުނަރާއި މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ޤާއިމްކުރެވުނު ސެންޓަރެކެވެ. އެގޮތުން މި ސެންޓަރުގެ ފަރާތުން ހިންގާ ތަމްރީން ޕްރޮގްރާމް ތަކުގެ އަމާޒަކީ ސްކޫލް ނިންމުމަށްފަހު މަސްވެރިކަމުގައި ހަރަކާތްތެރިވާ ޒުވާނުންނަށް ތަފާތު ހުނަރުތަކާއި، ތަމްރީންތައް ފޯރުކޮށްދީ ތަޢުލީމާއި ހުނަރު ލިބިފައިވާ މާ ކެޔޮޅުންގެ ގޮތުގައި ތަމްރީންކުރުމެވެ.

މި ސެންޓަރުގެ ފަރާތުން މިހާރުވެސްވަނީ މެރިން އިލެކްޓްރިކް ވަޔަރިން ކޯހަކާއި، އިންޖީނު މަރާމާތުކޮށް ބަލަހައްޓަން ދަސްކޮށްދޭ ކޯހަކާއި، ޖީޕީއެސް އާއި ފިޝްފައިންޑަރ ފަދަ ތަކެތި ބޭނުންކުރާނޭ ގޮތުގެ މަޢުލޫމާތު ދަސްކޮށްދޭ ކޯސްތައް ހިންގާފައެވެ. އަދި ޤައުމީ ޔުނިވަރސިޓީން ހިންގަވާ ކޯސްޓަލް ނެވިގޭޝަން ކޯހުގައި ޒުވާން މަސްވެރިން ދަނީ ބައިވެރިކުރުމަށް ތައްޔާރުވަމުންނެވެ. މީގެ އިތުރުންވެސް މަސްވެރިންނަށް ބޭނުންވާނޭ އޯޝަނަގްރަފީ، ފިޝަރީޒް ބަޔަލޮޖީ، ޕޯސްޓް ހާވެސްޓް ޓެކްނޮލޮޖީ، ޑައިވިންގ، ފަދަ މުހިންމު ދާއިރާތަކުން މަސްވެރިންނާއި މަސްވެރިކަމާ ގުޅުންހުރި ފަރާތްތައް ތަމްރީންކުރުމުގެ މަސައްކަތްތައް މި ސެންޓަރުގެ ފަރާތުން ހިންގުމަށް ވަނީ ރޭވިފައެވެ.