29 Jan 2014, 09:24
ވިލިންޓަން (ޖަނަވަރީ 28): ނިއުޒިލޭންޑްގެ ޒުވާން ޑައިވަރަކު ކަނޑުއަޑީގައި މިޔަރަކާ ހަނގުރާމަކޮށްގެން މިޔަރުގެ މައްޗަށް ކާމިޔާބު ހޯދައިފި އެވެ.
ޖޭމްސް ގްރާންޓް ނަމަކަށްކިޔާ އުމުރުން 24 އަހަރުގެ މިޒުވާނާ އެގައުމުގެ ދެކުނުގެ ސަރަހައްދެއްގެ ކަނޑުއަޑީގައި ފީނަމުންދަނިކޮށް އޭނާގެ އެއްފައިގައި ހިފީ ޙަމަލާދޭވައްތަރުގެ ބިޔަ މިޔަރެކެވެ. މިއާ އެކު އޭނާ މަސައްކަތްކުރީ މިޔަރުގެ ދަތްތަކުގެ ތެރޭގައި ތާށިވެފައިވާ އޭނާގެ ފައި ދަމައިގަތުމަށެވެ. މިޔަރު ދަތްއެޅުމުގެ ސަބަބުން ޒަޚަމްވެފައިވާ ފައި ހިތްވަރާ އެކު ދަމައިގަތުމާ އެކު ފައިން ގިނަ އަދަދެއްގެ ލޭ ފައިބަމުންދަނިކޮށް މިޔަރު މަސައްކަތްކުރީ އަނެއްކާ ވެސް ޖޭމްސް އަށް ޙަމަލާދިނުމަށެވެ. މިޔަރާ ކުރިމަތިލުމަށް ޖޭމްސް ބޭނުންކުރީ އޭނާގެ އަތުގައިއޮތް ވަރަށްކުޑަ ވަޅިއެކެވެ.
ޖޭމްސްއާއި މިޔަރު ކުރި ހައެއްކަ މިނިޓުގެ ހަނގުރާމައިގާ މިވަޅިން ޖޭމްސް އެތައް ފަހަރަކު މިޔަރަށް ޙަމަލާދިން ކަމަށްވެ އެވެ. ވަޅީގެ ޙަމަލާތަކަށް ފަހު އެންމެ ފަހުން މިޔަރު ފިލައިގެން ދިޔައީ މިޔަރަށް ވެސް ޒަޚަމްތަކެއް ލިބިގެން ކަމަށް މިހާދިސާ އާ ބެހޭ ގޮތުން ނިއުޒިލޭންޑްގެ ލޯކަލް ރޭޑިޔޯއަކަށް ދިން ބަސްދީގަތުމެއްގައި ޖޭމްސް ބުނެފައިވެ އެވެ. މިޔަރުގެ ކިބައިން ސަލާމަތްވުމުން ޖޭމްސް އަވަސްގޮތަކަށް މައްޗަށް އަރައި ގޮނޑުދޮށަށް ދިޔުމަށް ފަހު މަސައްކަތްކުރީ އޭނާގެ ފައިގާ ފޮތިގަނޑެއް ބަނދެ އަވަސްފަރުވާ ދިނުމަށެވެ. އަވަސްފަރުވާ ހޯދުމުގައި ޖޭމްސް ބޭނުންކުރީ އޭނާގެ އަތުގައިވާ ފަސްޓް އެއިޑް ބޮކްސް ކަމަށްވެ އެވެ.
ޖޭމްސްއަކީ މެޑިކަލް ޑޮކްޓަރަކަށް ވާތީ އަށް ޒަޚަމްވެފައިވާ ފަޔަށް އަވަސްފަރުވާދޭން ވަރަށް ރަނގަނޅަށް އޭނާ އަށް އެނގުނެވެ. އަވަސްފަރުވާއާ އެކު އޭނާގެ ފައިން ފައިބާލޭތައް މަދުވި އެވެ. އަދި އެންބިއުލަންސެއް ގެނަސް ހޮސްޕިޓަލަށް ގޮސް ފައަށް ފަރުވާ ހޯދިއެވެ. ނަމަވެސް ހޮސްޕިޓަލަށް ދެވުނުއިރު ޖޭމްސްގެ ފައިން ލޭ ފޭބިވަރުން އޭނާގެ ލޯމައްޗަށް އަނދިރިއަޅާގޮތްވި ކަމަށް ނިއުޒިލޭންޑްގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެ އެވެ. މިޔަރާ ހަނގުރާމަކޮށްގެން ގަދަވުމުން ޖޭމްސްވަނީ އޭނާގެ އެކުވެރިންނާ އެކު މަޖާކުރުމުގެ ހަފްލާއެއް ބާއްވާފަ އެވެ. (އޭ.ޕީ)