14 Dec 2010, 17:48
ރަން ޓްރޮފީ ހިފައިގެން ދިވެހިރާއްޖޭގެ ކްރިކެޓް ޓީމު މިރޭ މާލެ އަތުވެއްޖެ އެވެ.
ތައިލެންޑްގައި ބޭއްވި "އޭޝިޔަން ކްރިކެޓް ކައުންސިލް ޓްރޮފީ ޗެލެންޖް 2010" ކްރިކެޓް މުބާރާތުން ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމް ޗެމްޕިއަންކަން ހޯދައިގެން މާލެ އައުމާ ގުޅިގެން ޖީއެމްއާރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓުން ކްރިކެޓް ޓީމަށް މަރުހަބާ ވިދާޅުވީ މިނިސްޓަރު އޮފް ހިއުމަން ރިސޯސަސް ޔޫތް އެންޑް ސްޕޯޓްސް ހަސަން ލަތީފެވެ.
ހުޅެލެއިން މާލެއަށް ކްރިކެޓް ޓީމް އައީ ޒީނަތްތެރި ކުރެވިފައިވާ ދޯންޏެއްގަ އެވެ. ކުޅުންތެރިން މާލެ އައުމުން އެއް ނަންބަރު ފާލަމުން ރައީސުލްޖުމްހުރިއްޔާ މުހައްމަދު ނަޝީދާއި މާލޭ މުނިސިޕަލްޓީގެ ރައީސް އާދަމް މަނިކާއި ސްޕޯޓްސް ކައުންސިލުގެ ވެރިންނާއި ކްރިކެޓް ޓީމުގެ އާއިލާ މެންބަރުން އެ ޓީމަށް މާލޭން މަރުހަބާ ވިދާޅުވި އެވެ.
ރައީސް ނަޝީދު ކްރިކެޓް ޓީމަށް އިއްވެވި ރަސްމީ މަރުހަބާގައި ވިދާޅުވީ މިހާރަށް ވުރެ ރަނގަޅަށް ރާއްޖޭގައި ކްރިކެޓް ކުރިއަށް ގެންދެވިދާނެ ކަމުގެ ދަލީލެއް ކްރިކެޓް ޓީމުން މިއަދު ދައްކައިދީފި ކަމަށެވެ. އަދި ރާއްޖެ އަށް ކުޅިވަރުގެ މައިދާނުގައި މިހާތަނަށް ލިބުނު އެންމެ މަތިވެރި ޝަރަފާއި ކާމިޔާބީ ހޯދައިދީފައި ވަނީ ގައުމީ ކްރިކެޓް ޓީމުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މިހާތަނަށް ކްރިކެޓްގެ މައިދާނުގައި ލިބުނު އެންމެ މަތިވެރި ޝަރަފު އެންމެ މަތިވެރި ކާމިޔާބީ ހޯދައި މިދެއްވީ ކްރިކެޓް ޓީމް. އެކަމަށްޓަކަށް ކްރިކެޓް ޓީމަށް ނުހަނު މަރުހަބާ ދަންނަވަން. ރާއްޖެ ވަށައިގެން މިވާ ގިނަ ގައުމުތަކަކީ ބައިނަލްއަގުވާމީ ކްރިކެޓްގެ ދުނިޔޭގައި ފުރަތަމަ ދަރަޖައިގައި ކުޅެމުން އަންނަ ގައުމުތައް." ރައީސް ނަޝީދު ވިދާޅުވި އެވެ.
ކްރިކެޓް ޓީމުން ހޯދި ޓްރޮފީ ގައުމާ ހަވާލު ކުރުމުގެ ގޮތުން އެ ޓްރޮފީ ރައީސުލްޖުމްހޫރިއްޔާ އާއި ހަވާލު ކޮށްދެއްވީ ޓީމުގެ ކެޕްޓަން މޫސާ ކަލީމެވެ.
ކްރިކެޓް ޓީމަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން މިރޭ މާލޭ މަގުތަކުގައި ވަނީ އުފާފާޅުކުރުމުގެ ގޮތުން ލޮރީ ބުރެއް ވެސް ބާއްވައިފަ އެވެ. ލޮރީބުރު ޖުމްހޫރީ މައިދާނުން ފަށައިގެން ގޮސް ނިންމާލީ މާލޭ އެކުވެންޏަށެވެ.
ރާއްޖެ އިން އޭސީސީ ކަޕުގެ ޗެމްޕިއަންކަން ހޯދީ މިދިޔަ ހޮނިހިރު ދުވަހު ފައިނަލުގައި ސައުދީ އަރަބިއްޔާ އާ ވާދަ ކޮށްގެނެވެ. ސައުދީ ޓީމުން ކުޅެން އަރައި 43.3 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ދެވުނީ 139 ލަނޑެވެ. ޖަވާބުގައި ރާއްޖޭގެ ޓީމުން ކުޅެން އަރައި 41 އޯވަރުގެ ތެރޭގައި 140 ލަނޑު ހަދައިފައި ވަނީ ނުވަ ވިކެޓަށެވެ.
މިއީ ސަރަހައްދީ ކުރިކެޓްގައި ރާއްޖެ ޗެމްޕިއަންކަން ހޯދި ތިން ވަނަ ފަހަރެވެ. މީގެ ކުރިން އޭސީސީން ބާއްވަމުން އައި އިމާޖިން ނޭޝަންސް ކަޕް މުބާރާތް 2005 ވަނަ އަހަރާއި 2006 ވަނަ އަހަރު ކާމިޔާބު ކޮށްފައި ވަނީ ވެސް ރާއްޖެ އެވެ. އެ މުބާރާތް ހުއްޓާލާފައި ވަނީ 2006 ވަނަ އަހަރު އެވެ.