ތެހެރާން (ޖަނަވަރީ 29): ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން ރަސްމީ ދަތުރުފުޅެއްގައި އީރާނަށް ވަޑައިގެންފި އެވެ.

މިދަތުރުފުޅުގައި އުރުދުޣާންގެ އަރިހުގައި ތުރުކީގެ މަތީފެންވަރުގެ ވަފްދެއް ބައިވެރިވެ އެވެ. މިވަފްދުގައި ތުރުކީގެ ބޮޑެތި ވިޔަފާރިވެރިންނާއި ބޮޑެތި ކުންފުނިތަކުގެ ބައެއް އިސްވެރިންގެ އިތުރުން ތުރުކީގެ ބައެއް ވަޒީރުން ހިމެނެ އެވެ. އުރުދުޣާންގެ މިދަތުރުފުޅުގެ ބޭނުމަކީ އީރާނާއި ތުރުކީގެ ސިޔާސީ އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރުން ކަމަށް ތުރުކީގެ ޚާރިޖީ ވުޒާރާއިން ބުނެ އެވެ. ނަމަވެސް މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން އުރުދުޣާންގެ މިދަތުރުފުޅުގެ ބޭނުމަކީ ހުޅަނގުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދޭން ފަށާފައި ވާތީ އީރާނުގެ ބާޒާރަށް ވަދެ އިގްތިސާދީ އަދި ވިޔަފާރީގެ ފައިދާތައް ހާސިލްކުރުމުގެ ފުރްސަތު ތުރުކީގެ ކުންފުނިތަކަށް ފަހިކޮށްދިނުމެވެ.
80 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އީރާނުގެ ބާޒާރަކީ ބިޔަ ބާޒާރެކެވެ. ނިއުކްލިޔާ މައްސަލާގައި ހުޅަނގުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދޭންފަށާފައިވާ އިރު އީރާނުގެ ތެލާއި ގޭހުގެ އިންޑަސްޓްރީގައި އިންވެސްޓްކޮށްގެންނާއި އީރާނަށް އެކިބާވަތުގެ މުދަލާއި ތަކެތި ވިއްކައިގެން މަލްޓި ބިލިޔަން ޑޮލަރުގެ ފައިދާ ތުރުކީ ފަދަ އަވަށްޓެރި ގައުމަކަށް މުސްތަގްބަލްގައި ހާސިލްކުރެވިދާނެ ކަމަށް ތުރުކީގެ ސަރުކާރުންނާއި އެގައުމުގެ ކުންފުނިތަކުން ދެކެ އެވެ.

އުރުދުޣާންގެ މިދަތުރުފުޅުގައި އީރާނުގެ ދީނީ މުރްޝިދު އާޔަތުﷲ އަލީ ޚަމަނާއި އާއި ރައީސް ޑރ. ޙަސަން ރޫޙާނީގެ އިތުރުން އީރާނުގެ ވިޔަފާރިވެރިންނާއި ކުންފުނިތަކާއި އިންޑަސްޓްރީތަކުގެ އިސްފަރާތްތަކާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. (އަލްޖަޒީރާ)