29 Jan 2014, 02:51
ބާރު ސްޕީޑެއްގައި ބޮޑުތަކުރުފާނު މަގުން ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، ކަޅުތުއްކަލާކޮށީ ގޭޓަށް އަރައި، ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބި، ޑްރައިވަރަށް ސީރިއަސް އަނިޔާތަކެއްވެއްޖެ އެވެ.
ބޮޑުތަކުރުފާނު މަގުގެ އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ޕްރައިވެޓް ކާރެއް ކޮންޓްރޯލުން ނެއްޓި ނުރައްކާތެރި އެކްސިޑެންޓެއް ހިނގީ މިރޭ މެންދަމު 12:10 އެހާކަންހާއިރު އެވެ. އެ ހާދިސާ ހިނގިއިރު، ކާރުގައި ދެ މީހަކު ތިއްބެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކާރު އެކްސިޑެންޓުގައި ޑްރައިވަރުގެ ބޮލަށް ސީރިއަސް އަނިޔާތަކެއްވެ، އައިޖީއެމްއެޗުގައި ފަރުވާދެމުންދާ ކަމަށެވެ. ނަމަވެސް ޑްރައިވަރާއެކު އިން އަނެއް މީހާއަށް ލިބިފައިވަނީ ކުދި ހާނިކަތަކެއް ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ.
އެކްސިޑެންޓު ހިނގިއިރު ކާރުގައި ތިބި ދެ މީހުންގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެ އެވެ.
މަންޒަރުދުއް މީހަކު "ސަން"އަށް ކިޔައިދިން ގޮތުގައި ކާރު ދުއްފާފައި އައިލެއް ބާރު ކަމުން، ކުއްލިއަކަށް ބުރަކި ޖެއްސުމުން ކާރު ކޮންޓްރޯލުން ނެއްޓި، އެނބުރިގެން ގޮސް ކަޅުތުއްކަލާ ކޮށީ ގޭޓަށް އެރީ އެވެ. ގޭޓުގައި ޖެހުމަށްފަހު ކުއްލިއަކަށް ފަހަތަށް ކާރު ދިޔަކަމަށްވެ އެވެ. އަދި ގޭޓުގެ އަރިމަތީ ފާރުގައި ކާރު ޖެހުނު ކަމަށް ވެސް މަންޒަރުދުއް މީހާ ބުންޏެވެ.
އެކްސިޑެންޓު ހިނގުމާއެކު ކާރުގައި އިން ޑްރައިވަރަށް ސީރިއަސް އަނިޔާތަކެއްވެ، އޭނާގެ ހެޔަށް ވަނީ ގޮތްވެފަ އެވެ. އައިޖީއެމްއެޗްގެ އެމެޖެންސީގައި އޭނާއަށް ފަރުވާދެމުންދާއިރު އަދިވެސް އޭނާއަށް ވާހަކައެއް ނުދެއްކެ އެވެ.
އެކްސިޑެންޓުގައި ކާރަށާއި ކަޅުތުއްކަލާ ކޮށީ ގޭޓަށް ބޮޑެތި ގެއްލުންތަކެއްވެފައިވެ އެވެ. ކާރުގެ ބޮނެޓް ވަނީ އެއްކޮށް ހަލާކުވެ، ފުނޑިފަ އެވެ. އަދި ކާރުގެ ވައަތްފަރާތުން އަރިމަތިން ބައެއް ވަނީ ކަލާކުވެ ފަހަތު ފުރޮޅަށްވެސް ވަނީ ގެއްލުންވެފަ އެވެ.