ޔޫކްރެއިންގައި ހިނގަމުންދާ ހަމަނުޖެހުން ބޮޑު ސިލްސިލާ މުޒާހަރާތަކަށް ކެތް ނުކުރެވިގެން، އެ ގައުމުގެ ބޮޑުވަޒީރު މައިކޮލާ އަޒަރޯފް އާއި އޭނާގެ ކެބިނެޓްގެ އިސްތިއުފާ ދެއްވައިފި އެވެ. ބޮޑުވަޒީރާއި ކެބިނެޓުގެ އިސްތިއުފާ އެ ގައުމުގެ ރައީސް ވިކްޓާ ޔަނޮކޮވިޗް ވަނީ ގަބޫލުފުޅު ކުރައްވައްވާފަ އެވެ.

ބޮޑުވަޒީރު އަޒަރޯފް، ސަރުކާރުގެ ވެބްސައިޓްގައި އިސްތިއުފާ ދެއްވަން ނިމެވިކަން ހާމަކޮށް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ އެ ނިންމެވުމަކީ އެ ގައުމުގެ ސިޔާސީ އަދި އިޖުތިމާއީ ހަމަޖެހުން ގާއިމުކުރުމަށް ފުރުސަތު ތަނަވަސްކޮށްދީ ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމުގެ ހައްލެއް ހޯދުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.

"އަޅުގަނޑުގެ މި ނިންމުމަކީ ޔޫކްރެއިންގެ ސިޔާސީ އަދި އިޖްތިމާއީ ހަމަޖެހުން ގާއިމުކުރުމަށް ފުރުސަތު ތަނަވަސްކޮށްދީ، ގައުމުގައި ހިނގަމުން މިދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ހައްލެއް ހޯދުމުގެ ގޮތުން ނިންމި ނިންމުމެއް،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އަޒަރޯފްގެ އިތުރަށް ވިދާޅުވެފައި ވަނީ އެ ގައުމުގައި ލޭ އޮހުރުވުން ހުއްޓުވުމަށާއި، އަމަންއަމާންކަން ގާއިމްކޮށް ހުރިހައި މައްސަލަތަކަށް ހައްލު ހޯދުމަށް ސަރުކާރުން ދޭންޖެހޭ ހުރިހައި އެއްބާރުލުމެއް ދީފައިވާނެ ކަމަށެވެ.

ޔުކްރޭނުގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރަމުންގެންދާ ވަރުގަދަ މުޒާހަރާތަކުގައި މަގުތަކުގައި ހުޅުޖަހައި ސަލާމަތީ ބާރުތަކަށް އަމާޒުކޮށްގެން ހަމަލާތައްދީ ހަމަނުޖެހުންތައް ހިންގަމުން ގެންދާ ނުރައްކާތެރި މި ދަނޑިވަޅުގައި ބޮޑުވަޒީރު އަޒަރޯފް އިސްތިއުފާ ދެއްވީ، އެގައުމުގެ ޕާލިމެންޓުން "އެންޓި-ޕްރޮޓެސްޓް ލޯ" އުވާލަން ނިންމުމާ ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޔޫކްރެއިންގެ ޕާލިމެންޓުގައި އިމަޖެންސީ ބަހުސުތަކަކަށްފަހު 361 މެންބަރުންގެ ވޯޓުން ނިންމީ މުޒާހަރާ ކުރުމާ ދެކޮޅު ގާނޫނު އުވާލަން ފެންނަ ކަމަށެވެ. އެ ގާނޫނުގައިވާ ގޮތުން، މުޒާހަރާ ކުރާ ފަރާތްތަކުން، ހެލްމެޓް އެޅުމާއި، އާންމު ބިލްޑިންގުތައް ހިސޯރުކޮށްގެން ތިބުމަކީ މަނާ ކަމެކެވެ.

ޔޫކްރެއިންގައި މުޒާހަރާކުރާ ފަރާތްތަކުން މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި އެ ގައުމުގެ ބޮޑު ބަޔަކަށް ފެތުރިފައިވާއިރު، އެ ފަރާތްތަކުން ވަނީ، ބޮޑެތި ސިޓީތަކުގައި ހުރި ސަރުކާރުގެ އިމާރާތްތަކާއި އެފަދަ އެހެނިހެން ބޮޑެތި އިމާރާތްތައް ވެސް އެމީހުންގެ ބާރުގެ ދަށަށް ގެނެސްފަ އެވެ. އަދި މުޒާހަރާގެ ބައިވެރިން، އެ ގައުމުގެ ރައީސް ދިރިއުޅުއްވާ ހިސާބުގަނޑާ ކައިރިއަށް ވެސް ވާސިލްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބޮޑުވަޒީރު ކަމުން އަޒަރޯފް އާއި އޭނާގެ ކެބިނެޓް އިސްތިއުފާ ދެއްވި ނަމަވެސް، ރައީސް ޔަނޮކޮވިޗް ވަނީ، އެ ގައުމުގައި އާ ސަރުކާރެއް އެކުލަވައިލެވެންދެން އަޒަރޯފްއާއި އެނާގެ ކެބިނެޓް މަގާމުގައި ދެމިތިއްބެވުމަށް އެދިވަޑައިގެންފަ އެވެ.