28 Jan 2014, 22:07
ރައްޔިތުންގެ މަޖިލީހުގެ އިތުރު ހަ މެމްބަރަކަށް ޖުމްހޫރީ ޕާޓީގެ ޓިކެޓު ދީފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރަކު ވިދާޅުވީ މާމިގިލީ ދާއިރާގެ ޓިކެޓު ދިނުމަށް ނިންމާފައި ވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ކަމަށެވެ.
އޭނާ ވިދާޅުވީ މަތިވެރި ދާއިރާގެ ޓިކެޓު ދިނުމަށް ނިންމާފައި ވަނީ އެ ދާއިރާގެ ގޮނޑި މިހާރުވެސް ފުރުއްވަމުން ގެންދަވާ ހުސައިން މުހައްމަދަށް ކަމަށެވެ.
ހިތަދޫ ދެކުނު ދާއިރާގެ ޓިކެޓު މިހާރުވެސް އެ ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ހަސަން ލަތީފަށް ދިނުމަށް ނިންމާފައިވާއިރު މަރަދޫ ދާއިރާގެ ޓިކެޓު ދިނުމަށް ނިންމާފައި ވަނީވެސް އެ ދާއިރާގެ މެމްބަރު ހަސަން އާދިލަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ނައިފަރު ދާއިރާގެ ޓިކެޓު އެ ދާއިރާގެ މެމްބަރު އަހްމަދު މުހައްމަދަށް ދިނުމަށް ނިންމާފައިވާއިރު އަލަށް އުފެއްދި ދާއިރާއެއް ކަމަށްވާ ދަނގެތި ދާއިރާގެ ޓިކެޓު ދިނުމަށް ނިންމާފައި ވަނީ ގެމަނަފުށީ ދާއިރާގެ މެމްބަރު އަދި އެ ޕާޓީގެ ނާއިބް ލީޑަރު އިލްހާމް އަހްމަދަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއަށް މިއަދު ސޮއިކުރެއްވި އަހްމަދު ސަމީރަށް ވަނީ ދިއްދޫ ދާއިރާގެ ޓިކެޓު ދިނުމަށް ނިންމާފަ އެވެ. އަދި ކަނޑިތީމް ދާއިރާގެ ގޮނޑި މިހާރު ވެސް ފުރުއްވަމުން ގެންދަވާ މުހައްމަދު ހުސައިނަށް ވެސް އެ ދާއިރާގެ ޓިކެޓު ދިނުމަށް ވަނީ ނިންމާފަ އެވެ.
އެބޭފުޅުންނަށް ޓިކެޓު ދިނުމަށް ނިންމާފައި ވަނީ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ދާއިރާތަށް ބަހާލިއިރު ޖުމްހޫރީ ޕާޓީއަށް ލިބިފައިވާ ދާއިރާތަކުގެ ތެރެއިން ޓިކެޓު ދޫކޮށްފައިނުވާ ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ވަނީ ހުޅުވާލައިފަ އެވެ.
އެގޮތުން ހެންވޭރު އުތުރު ދާއިރާ އާއި މާފަންނު އުތުރު ދާއިރާ އާއި އިހަވަންދޫ ދާއިރާގެ އިތުރުން ވައިކަރަދޫ ދާއިރާ އާއި ހަނިމާދު ދާއިރާ އަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން މިއަދު ވަނީ ހުޅުވާލައިފަ އެވެ.
މީގެ އިތުރުން ނޮޅިވަރަމް ދާއިރާ އާއި ކުޅުދުއްފުށީ އުތުރު ދާއިރާ އާއި މަކުނަދޫ ދާއިރާ އާއި މިލަންދޫ ދާއިރާގެ އިތުރުން ކޮމަންޑޫ ދާއިރާއާއި ކެންދޫ ދާއިރާ އަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ހަމަ އެހެންމެ ކާށިދޫ ދާއިރާ އާއި މަހިބަދޫ ދާއިރާ އާއި ތޮއްޑޫ ދާއިރާ އާއި ކެޔޮދޫ ދާއިރާ އާއި ބިލެއްދޫ ދާއިރާގެ އިތުރުން ކިނބިދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާ އާއި ސ. މީދޫ ދާއިރާ އަށް ކުރިމަތިލުމަށް ވެސް ޖުމްހޫރީ ޕާޓީން މިއަދު ވަނީ ހުޅުވާލައިފަ އެވެ.