މިދިޔަ އަހަރު ނިމުނު އިރު ދުނިޔޭގައި ސްމާޓް ފޯނު ވިކުނު އަދަދު 1 ބިލިއަނަށް އަރާފައި ވާކަމަށް މާކެޓް ރިސާޗް ފާމް އިންޓަނޭޝަނަލް ޑޭޓާ ކޯޕަރޭޝަން (އައިޑީސީ) އިން ބުނެފި އެވެ.

އައިޑީސީ އިން ހާމަ ކުރި ގޮތުގައި އެ ކުންފުނިން ދާދި ފަހުން ހެދި ދިރާސާ އަކުން ދައްކާގޮތުން 2013 ވަނަ އަހަރު އެކިއެކި ކުންފުނި ތަކުން 1.004 ބިލިއަން ސްމާޓްފޯނު ދުނިޔޭގެ އެކި ތަންތަނަށް ފޮނުވާފައިވެ އެވެ. މިއީ 2012 ވަނަ އަހަރުގެ އަދަދާ އަޅާކިޔާ އިރު 38.4 އިންސައްތަ އިތުރު އަދަދެކެވެ.

އެންމެ ގިނަ ސްމާޓްފޯނު ޝިޕް ކޮށްފައި ވަނީ ދެކުނު ކޮރެއާގެ ސެމްސަންގް ކުންފުނިންނެވެ. ދެވަނައިގައި އުޅެނީ އެޕަލް އެވެ. އަދި ތިން ވަނައަށް އެންމެ ގިނަ ފޯނު ޝިޕް ކޮށްފައި ވަނީ ޗައިނާގެ ހުވާވެއި ކުންފުންޏެވެ.

އައިޑީސީ އިން ބުނި ގޮތުގައި 2013 ވަނަ އަހަރަކީ އަހަރެއްގެ ތެރޭގައި ދުނިޔޭގައި އެންމެ ގިނަ ސްމާޓް ފޯން ވިކުނު އަހަރެވެ.

“މީހުން އެންމެ ގިނައިން ގަންނަނީ ބޮޑެތި ސްކްރީން ހުންނަ އަގު ހެޔޮ ސްމާޓްފޯން. މީގެ ތެރެއިން ވެސް ބޮޑު ތަފާތެއް އަންނަނީ އަގުހެޔޮވީމާ.” އައިޑީސީގެ ވާލްޑް ވައިޑް ކުއާޓާރލީ މޮބައިލް ފޯން ޓްރެކަރ ޕްރޮގްރާމްގެ ޑައިރެކްޓަރު ރަޔަން ރީތު ބުންޏެވެ.

“އަގުހެޔޮ ފޯނު ތަކުގެ ވާހަކަ އާއްމުކޮށް ނޫސްތަކަކަށް ނާރާ. އެކަމު އައިޑީސީގެ ތަފާސް ހިސާބުތަކުން ދައްކަނީ ބާޒާރުގައި އެންމެ ގިނައިން ވިކެނީ އަގުހެޔޮ ފޯނުތައް ކަމަށް.”

“ޗައިނާ އާއި އިންޑިޔާގެ ބާޒާރުތައް ދަތުރުކުރަނީ މި ދިމާލަށް. ޝިޕްމަންޓް ތަކުގެ ބޮޑު ބަޔަކީ 150 ޑޮލަރަށް ވުރެ އަގު ހެޔޮ ސްމާޓްފޯނު.” ރަޔަން ރީތު ބުންޏެވެ.

އައިޑީސީގެ ދިރާސާއިން ދައްކާ ގޮތުން ސެމްސަންގް އިން ވަނީ 2013 ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރި، ދުނިޔޭގެ މޮބައިލް ފޯނު ބާޒާރުގައި އެ ކުންފުނީގެ ހިއްސާ 42.2 އިންސައްތަ އިތުރުކޮށްފަ އެވެ. މޮބައިލް ފޯނު ބާޒާރުގައި މިހާރު އެ ކުންފުނީގެ ހިއްސާއަކީ 31.3 އިންސައްތަ އެވެ.

ނަމަވެސް ސެމްސަންގް އާ އެންމެ ގާތުން ވާދަކުރާ އެޕަލް އަށް އޮތް ބާޒާރުގެ ހިއްސާ ވަނީ 15.3 އިންސައްތަ އަށް ކުޑަވެފަ އެވެ. އެ ކުންފުނީގެ ބާޒާރުގެ ހިއްސާ އިތުރުވެފައި ވަނީ 12.9 އިންސައްތަ އެވެ. މިއީ 2013 ވަނަ އަހަރު މުޅި މޮބައިލް ފޯން ބާޒާރު ފުޅާވެގެން ދިޔަ މިންވަރަށްވުރެ ވެސް ކުޑަ އިން ސައްތަ އެކެވެ.