ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުއި ވާދަކުރުމަށް 150 ފަރާތަކުން ޝައުގުވެރިކަން ފަޅުކޮށްފި އެވެ.

ޕީޕީއެމުން ބުނީ މަޖިލީސް އިންތިޚާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އެ ޕާޓީން ކުރި އިއުލާނުގެ މުއްދަތު މިއަދު ހަވީރު 4:00 އަށް ހަމަވިއިރު އެކަމަށް އެދި 150 ފަރާތަކުން ހުށަހަޅާފައިވާ ކަމަށެވެ.

ޕީޕީއެމުން ބުނީ ހުށަހަޅާފައިވާ ހުށަހެޅުންތައް އިވެލުއޭޓް ކުރުމަށްފަހު ޕާޓީގެ ޓިކެޓު ކަށަވަރުވާ ފަރާތްތަކާއި ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކާއި ކެންޑިޑޭޓުންގެ ނަންތައް ވީއެންމެ އަވަހަކަށް އިއުލާން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓް ކުރުމަށް ޚާއްސަ ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ 85 އިންތިޚާބީ ދާއިރާތަކުގެ ތެރެއިން އެ ޕާޓީން ވާދަކުރަނީ 49 ދާއިރާ އަށެވެ. ބާކީ ހުރި ދާއިރާތަށް ވަނީ އެމްޑީއޭ އާއި ޖުމްހޫރީ ޕާޓީގެ މެދުގައި ހުޅުވާލާފަ އެވެ.