28 Jan 2014, 18:41
ޓީޗަރުންނަށް ހާއްސަކޮށްގެން އެޑިއުކޭޝަންގެ ތަޢުލީމީ ފަންޑުން އިމާރާތް ކޮށްފައިވާ 10 ބުރީގެ އިމާރާތަށް 62 މިލިޔަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ ބުނެފި އެވެ.
އެޑިއުކޭޝަންގެ މިނިސްޓްރީގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އިސްމާއީލް ވިދާޅުވީ އެ އިމާރާތް އެޅުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ތަޢުލީމީ ފަންޑުން 36 މިލިޔަން ހަރަދު ކޮށްފައި ވާނެ ކަމަށެވެ. އަދި އެމްއައިބީ ލޯންގެ ގޮތުގައި 26 މިލިޔަން ރުފިޔާ ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޓިޗަރުންނަށް ހާއްސަކޮށްގެން މި އިމާރާތް ކުރި 10 ބުރީގެ ފްލެޓް އިމާރާތަށް މުޅި ޖުމްލަ 62 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ވެފައި ވާނެ. އެއީ ތަޢުލީމީ ފަންޑުން 36 މިލިޔަން ރުފިޔާ އަދި އެމް،އައި،ބީ އިން ލޯމްގެ ގޮތުގައި 26 މިލިޔަން ރުފިޔާ" އިބްރާހިމް އިސްމާއީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓީޗަރުންނަށް ހާއްސަ ކުރެވިފައިވާ 10 ބުރީގެ ފްލެޓް އިމާރާތުގައި އެއް ކޮޓަރީގެ 18 ފްލެޓް އާއި އަދި ދެ ކޮޓަރީގެ 62 ފްލެޓް ހުންނާނެ ކަމަށެވެ.
ފްލެޓްތައް ދޫކުރާނެ އުސޫލްތައް ކަމަށް ހަމަޖައްސާފައިވަނީ ޓީޗަރުންނާއި އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރުންގެ މަގާމުގެ އޮނިގަނޑުގައި ހިމެނޭ މަގާމުތަކުގައި ހިދުމަތްކުރާ ފަރާތްތަކަށެވެ. މި ފަރާތްތަކަށް ދެ ކޮޓަރީގެ 60 ފްލެޓާއި އެއް ކޮޓަރީގެ 15 ފްލެޓް ހާއްސަކޮށްފައިވެ އެވެ. މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ބޭނުމަށް ގެންނަ ތައުލީމީ ދާއިރާގެ މީހުން ބޭތިއްބުމަށް ފަސް ފްލެޓް ހާއްސަކޮށްފައިވެ އެވެ.
އިބްރާހިމް އިސްމާއީލް ވިދާޅުވީ "އެދުރުހިޔާ"ގެ އެއް ކޮޓަރީގެ ފްލެޓެއްގެ އަގު ހިދުމަތްތަކާ އެކު އުޅެނީ މަހަކު 4،000ރ. އަށެވެ. ކޮންމެ ތިން އަހަރަކުން އެގްރީމަންޓް އާކުރާ ގޮތަށް ދެ ކޮޓަރީގެ ފްލެޓެއް ދެނީ 6،000ރ. އަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ތިޗަރުންގެ ފްލެޓަށް އެދި ފޯމްތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 16 އިން މާޗު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ