ބާސެލޯނާގެ ހުނަރުވެރި ފޯވާޑް ލިއޮނަލް މެސީ ދޫކޮށްނުލާނެ ކަމަށާއި ބާސެލޯނާއާއި އެކު އޭނާ ހަދާފައި އޮތް ކޮންޓްރެކްޓް އާކުރުމުގެ މަޝްވަރާތަކެއް އެ ކްލަބުން ކުރިއަށް ގެންދާކަމަށް ބާސާގެ އާ ރައީސް ޖޯސެފް މާރިއާ ބާޓޮމިއު ވިދާޅުވެއްޖެ އެވެ.

ބާސެލޯނާގެ ރައީސްގެ މަގާމުގައި ކުރިން ހުރި ރޮސެލް އެމަގާމުން އިސްތިއުފާ ދިނުމުން އެ މަގާމާއި އަލަށް ހަވާލުވެ އާރްއޭސީ އެކަކަށް ބާޓޮމިއު ދިން އިންޓަވިއުއެއްގައި ވިދާޅުވީ އެ ކްލަބުން މެސީއާއި އެކު މަޝްވަރާތަކެއް ކުރާނެ ކަމަށެވެ. އަދި އޭނާ އަކީ ކުލަބުގައިހުރި އެންމެ ބޮޑު ފީއެއް ލިބޭ ކުޅުންތެރިއާއަށް ހެދުމަށް އެ ކްލަބުން ކުރެވެން އޮތް މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އަވަސް އަރުވާލުމަކާއި ނުލައި އަހަރެމެން ބޭނުންވަނީ އިށީނދެ ވާހަކަދައްކާލަން. އެކަމަށް ވަރަށް ވަގުތު އެބަ އޮތް. އޭނާއަކީ އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިއަކަށް ހެދުމަށް އަހަރެމެންނަށް ކުރެވެން ހުރި މަސައްކަތެއް ކުރާނަން،" ބާޓޮމިއު ވިދާޅުވި އެވެ.

ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން ފަސް ހަފްތާއާއި ކުޅުމާއި ދުރުގައި ހުރި މެސީ މިދިޔަ ސީޒަންގައި 50 މެޗުގައި 60 ގޯލް ބާސެލޯނާއަށް ކާމިޔާބު ކޮށްދީފައިވާއިރު މި ސީޒަންގައި އޭނާ ވަނީ 18 ގޯލް އެ ކްލަބަށް ކާމިޔާބު ކޮށްދީ 20 މެޗުގައި 36 އެސިސްޓް ކޮށްދީފަ އެވެ.

ފީފާއިން ހޮވާ އެންމެ މޮޅު ކުޅުންތެރިއާގެ އެވޯޑް ހަތަރު ފަހަރު ހޯދާފައިވާ އާޖެންޓީނާގެ އިތުބާރު ފޯވާޑް ލިއޮނަލް މެސީ، 26 އަށް ފްރާންސްގެ މުއްސަނދި ޕީއެސްޖީ އިން ކަޅިއަޅަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.