28 Jan 2014, 18:06
ޓީވީއެމްގެ މަޝްހޫރު ޕްރެޒެންޓާ އަދި ޖާނަލިސްޓް އައިޝަތު ލީޒާ،25، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެއްވުމަށް، ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ޓިކެޓް ހޯދުމަށް ހުށަހަޅުއްވައިފި އެވެ.
މިދިޔަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި، ރިޔާސީ ކެންޑިޑޭޓުންނާ ޖެހިލުމެއް ނެތި ސުވާލުތައް ކުރިމަތި ކުރެއްވި ކުޅަދާނަ ޖާނަލިސްޓް ލީޒާ ޕީޕީއެމްގެ ޓިކެޓް ހޯއްދެވުމަށް މިއަދު ހުށަހެޅުއްވިކަން އޭނާ ވަނީ ސަން އަށް ކަށަވަރުކޮށްދެއްވައިފި އެވެ.
ލީޒާ ވިދާޅުވީ ސިޔާސީ ދާއިރާގައި މަސައްކަތް ކުރެއްވުމަކީ ވަރަށް ކުރިއްސުރެން ވެސް ދެކިވަޑައިގަންނަވަމުން އަންނަ ހުވަފެނެއް ކަމަށާއި އެ ފުރުސަތު ލިބިވަޑައިގަތުމުން ފުރުސަތުގެ ބޭނުން ކުރެއްވީ ކަމަށެވެ.
"ޕްރައިމަރީ އަށް އަދި އަޅުގަނޑު މިކުރިމަތި ލަނީ. އިރާދަކުރެއްވިއްޔާ ޕްރައިމަރީ ކާމިޔާބު ކުރެވޭނެ،" އެމްބީސީގެ ނިއުސް ޓީމްގެ ޑެޕިއުޓީ އެޑިޓަރުކަން ކުރައްވާފައިވާ ލީޒާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ ޓިކެޓް ހޯއްދަވަނީ މާލޭ ދާއިރާ އިން މެދު ހެންވޭރަށް ކަމަށެވެ. އޭނާ އަށް އެ ދާއިރާގެ ޓިކެޓް ލިބިއްޖެ ނަމަ ގޮނޑި ކާމިޔާބު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތް ކަމަށް ވެސް ވިދާޅުވި އެވެ.
ލީޒާ ވިދާޅުވީ މެދު ހެންވޭރު ދާއިރާ އިހްތިޔާރު ކުރެއްވީ އެ ދާއިރާގެ ވަރަށް ގިނަ ބަޔެއްގެ އެދުމުގެ މަތީން ކަމަށެވެ.
ލީޒާ އަށް މެދު ހެންވޭރު ދާއިރާގެ ޕީޕީއެމްގެ ޓިކެޓް ލިބިއްޖެ ނަމަ އޭނާ ވާދަކުރައްވަން ޖެހޭނީ އެމްޑީޕީ އިން އެ ދާއިރާގެ ގޮނޑި ކަށަވަރުވެފައިވާ، އެ ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމާ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހޯއްދެވުމަށް ޕީޕީއެމް އިހްތިޔާރު ކުރެއްވީ ޕީޕީއެމް އިން ވެސް ޝައުގުވެރިކަން ފާޅުކުރުމުގެ އިތުރަށް ޕީޕީއެމްއަކީ އެންމެ ރަނގަޅު ސިޔާސީ ޕާޓީ ކަމަށް ގަބޫލުކުރައްވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ލީޒާ ވިދާޅުވި ގޮތުގައި ސިޔާސީ ދާއިރާ އަށް ނުކުންނަވަނީ ނޫސްވެރިކަމުގައި އަށެއްކަ އަހަރުވަންދެން މަސައްކަތް ކުރެއްވުމަށް ފަހު، އެ ދާއިރާގައި ވަކި ފަރާތަކަށް ނުޖެހި މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށް ގަބޫލުކޮށް އަދި ރައްޔިތުން ވެސް އެކަން ބަލައިގަންނާނެ ކަމަށް އުންމީދު ކުރައްވާތީ އެވެ.