14 Dec 2010, 17:37
ހަމައެކަނި ޚަބަރު ފަތުރާ ޓީވީ ސްޓޭޝަނެއްގެ ގޮތުގައި "މާލޭ ޓީވީ"ގެ ޓެސްޓިން ސިގުނަލްތައް ނިންމާލުމަށް ފަހު މާދަމާ ރޭ އެ ސްޓޭޝަންގެ ޕްރޮގްރާމްތައް ރަސްމީކޮށް ބްރޯޓްކާސްޓް ކުރަން ފަށާނެ ކަމަށް އެ ސްޓޭޝަނުން ބުނެފި އެވެ.
މާލޭ ޓީވީގެ ސީއީއޯ މުހައްމަދު ރަފީގު (ރިވަރިން) ސަން އޮންލައިނަށް މައުލޫމާތު ދެމުން މިއަދު ބުނީ އަމިއްލަ ޓީވީ ސްޓޭޝަނެއް ކަމުގައިވާ "ފިއުޗާ ޓީވީ"ގެ ފްރިކުއެންސީ މެދުވެރިކޮށް މާދަމާރޭ އަށެއް ޖަހާއިރު "މާލޭ ޓީވީ"ގެ ޕްރޮގްރާމްތައް ބްރޯޓްކާސްޓް ކުރަން ފަށާނެ ކަމަށެވެ. އަދި މާލޭ ޓީވީ ލިބޭނީ ބީ ނެޓުންނާއި މީޑިއާ ނެޓް މެދުވެރިކޮށް ޗެނަލް 105 އިން މާދަމާ ހެނދުނުން ފެށިގެން ކަމަށެވެ.
އޭނާ ވިދާޅުވީ ކޮންމެ ދުވަހަކު 19 ގަޑި އިރު ހަމައެކަނި ކަރަންޓް އެފެއާޒު ޕްރޮގްރާމްތައް ގެނެސްދޭން ނިންމާފައިވާ ސްޓޭޝަނުގެ ޓްރާންސްމިޝަން ފެށޭނީ ހެނދުނު 06:30 ކަމަށާއި އަދި ޓްރާންސްމިޝަން ނިމޭނީ މެންދަމު އެކެއް ޖަހާއިރު ކަމަށާއި ކޮންމެ ގަޑިއަކު "ތާޒާކަމާ އެކު" ހަބަރުތައް ގެނެސްދޭން ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ތާޒާކަމާ އެކު ހަބަރުތައް ގަޑިއަކު އެއް ފަހަރު އާމުންނާ ހިސާބަށް ޓީވީ މެދުވެރިކޮށް ގެނެސްދިނުން. ބަރާބަރަށް އަޕްޑޭޓްވެފައި ކަރަންޓް އެފެއާޒު ޕްރޮގްރާމްތައް ގެނެސްދޭ ގޮތަށް އަޅުގަނޑުމެން ޝެޑިއުލްކޮށްފައި ވަނީ." ކުރިން ޖަޒީރާ ނޫހުގެ އެޑިޓަރެއްގެ މަގާމު ފުރުއްވި ރަފީގު ވިދާޅުވި އެވެ.
މާލޭ ޓީވީ ފަށައިގަންނަ އިރު، ހަބަރުތަކާއި ކަރަންޓް އެފެއާޒުގެ ޕްރޮގްރާމްތައް ހުށަހަޅާނެ މީހުން އެކަށީގެންވާ ވަރަށް ތަމްރީނުކޮށްފައިވާ ކަމަށް ވިދާޅުވެ ރަފީގު ވިދާޅުވީ "ޓީވީގެ މަސައްކަތްތައް އިތުރަށް ފުޅާވެގެންދިއުމުން އިތުރު މުވައްޒަފުންނާއި އިތުރު ސްޓޫޑިއޯތަކާއި ކެމެރާމަނުންނާއި ޕްރެޒެންޓަރުން ބޭނުންވާނެ" ކަމަށެވެ.
ރާއްޖޭގައި ވުޖޫދަށް އައިސްފައިވާ ބައެއް މީޑިއާތަކީ ވަކި ސިޔާސީ ޕާޓީއަކަށް ޖެހިގެން ޚަބަރުތައް ގެނެސްދޭ މީޑިއާތަކެއްގެ ކަމުގެ އިލްޒާމް ބަޔަކު އަޅުވަމުންދާތީ އެކަމާ ގުޅިގެން އެ "އިނގިލި" މާލޭ ޓީވީއާ ދިމާލަށް އަމާޒުވެދާނެތޯ ސަން އޮންލައިނުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރަފީގު ވިދާޅުވީ މާލޭ ޓީވީއަކީ ވަކި މީހެއްގެ އަތްމައްޗަށް ދާނެ ތަނެއް ނޫން ކަމަށާއި އަދި ސިޔާސީ ޕާޓީއެއްގެ ނުފޫޒެއް ނުފޯރައި "އަޅުގަނޑުމެން ތިބޭނީ މެދުގައި" ކަމަށެވެ.
ނަމަވެސް ބައެއް ފަރާތްތަކުން ބުނަނީ މާލޭ ޓީވީ އަކީ ސަރުކާރުގެ ބެކިންނާ އެކު ވުޖޫދަށް ގެނައުމަށް މަސައްކަތް ކުރާ ޓީވީ ސްޓޭޝަނެއް ކަމަށެވެ.
މާލޭ ޓީވީ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާނީ ކޮން ބައެއް ކަމެއް އަދި ފައިނޭންސް ކުރަނީ ކޮން ބައެއްކަމެއް ރަފީގު ވިދާޅެއް ނުވި އެވެ. ނަމަވެސް ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި އެ ސްޓޭޝަން ވުޖޫދަށް ގެނައުމުގައި އިސްކޮށް އުޅުއްވަނީ ދިއެފްއެމްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ، އަދި ހައުސިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު ސަލީމެވެ.