ސަން އޮންލައިންގެ ކްރިއޭޓިވް ޑައިރެކްޓަރު ކަމުގެ މަގާމަށް އިސްމާޢީލް ޒާހީ ޒާހިދު (ޒާހީ) ހަމަޖައްސައިފި އެވެ. މި މަގާމަށް ޕްރޮމޯޓު ކުރުމުގެ ކުރީން ޒާހީ މަސައްކަތް ކުރަމުން އައީ ސަން މީޑިއާ ގުރޫޕުގެ އައިޓީ އެޑްމިނިސްޓްރޭޓާއެއްގެ ގޮތުގައި، ވެބް ޑިވެލޮޕްމެންޓް ބައިގަ އެވެ.

ވެބް ޑިވެލޮޕިން އާއި ސިސްޓެމް އެނާލެސިސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ ޒާހީ ވަނީ މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ސަން އޮންލައިން އަށް ގެނައި ބޮޑެތި ބަދަލު ތަކުގެ ތެރޭގައި ބުރަ އަދި ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ސަން އޮންލައިންގެ ޑިވެލޮޕްމެންޓު ފަޅީން އައި ކުރިއެރުން ތަކުގައި ޒާހީގެ ދައުރު ބޮޑެވެ.

ސަން މީޑިއާ ގުރޫޕުގެ ސީއީއޯ ސިނާން ޢަލީ ވިދާޅުވީ، ސަން އޮންލައިން މިހާރު އޮތް މަގާމަށް ބަލާ އިރު، ޒާހީ އަކީ މި ވަގުތު ސަން އޮންލައިންގެ ކްރިއޭޓިވް ޑައިރެކްޓަރު ކަމަށް އެންމެ ރަނގަޅު ޗޮއިސް ކަމަށެވެ. ޒާހީ އަކީ މަސައްކަތުގެ ސްޕީޑު އަވަސް އަދި ތަޖުރިބާ ކޮށްފައިވާ، ގާބިލު މުވައްޒަފެއް ކަމަށް ސިނާން ވިދާޅުވި އެވެ.

"ސަން އޮންލައިންގެ މި ފަދަ މަގާމަކަށް މީހަކު އައްޔަން ކުރާ އިރު ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ. އިތުބާރާއި ޔަގީންކަން. ޢަމަލީ މަސައްކަތުން ދައްކައިދީފައިވާ ކާމިޔާބީ. ޗެލެންޖު ނެގުން. ގުޅިގެން މަސައްކަތް ކުރުން. ކެޕޭސިޓީ ހުރުމާ އެކު އެ ކެޕޭސިޓީ ކޭޓާ ކޮށްދިނުން. މި ހުރިހާ ކަމަކަށް ބަލާ އިރު ޒާހީ އަކީ ސަން އޮންލައިންގެ ކްރިއޭޓިވް ޑައިރެކްޓަރު ކަމަށް އެންމެ ރަނގަޅު ޗޮއިސް،" ސިނާން ވިދާޅުވި އެވެ.