28 Jan 2014, 15:56
އަންނަ މޭމަހު ރާއްޖޭގައި ބާއްވާ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ ތައްޔާރީތައް ކުރިޔަށްދާ ގޮތް ބެލުމަށް ޓަކައި ޚާއްސަ ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް މިހަފްތާ ތެރޭގައި ނިންމާލެވޭނެ ކަމަށް ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިއަދު "ސަން" އަށް ވިދާޅުވީ މުބާރާތުގެ މެޗްތައް ކުޅޭ ގަލޮޅު ސްޓޭޑިއަމްއާއި ހިތަދޫ ޒޯން ސްޓޭޑިއަމްގެ މަސައްކަތް މިހާރު ދަނީ ވަރަށް ބާރު ސްޕީޑެއްގައި ކަމަށާއި މުބާރާތް ފެށުމުގެ ކުރިން އެ ދެސްޓޭޑިއަމްގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އަދި މުބާރާތުގެ ތައްޔާރީތައް ކުރިޔަށްދާ ގޮތް ބެލުމަށް ޓަކައި މިހަފްތާތެރޭ އެކުލަވާލާ ކޮމެޓީގެ ފަރާތުން ގިނަ ކަންތައްތަކެއް ކުރުމަށް ވަނީ ނިންމާފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ކޮމެޓީ އެކުލަވާލުމުގެ މަސައްކަތް މިހަފްތާ ނިންމާލެވޭނެ. ކޮމެޓީއެކުލަވާ ލުމުން ގިނަ ކަންތައްތަކެއް ވެސް ރޭވިގެންދާނެ. މުބާރާތައް ތައްޔާރުވުމުގެ ގޮތުން ދިވެހި ސަގާފީ ނެށުންތައްވެސް ކުރިއަށް ދާނީ އެކުލަވާލާ ކޮމެޓީގެ ބެލުމުގެ ދަށުން. މުބާރާތައް ތައްޔާރުކުރާ ދެ ސްޓޭޑިއަމްގެ މަސައްކަތް ވެސް މިހާރު ދަނީ ވަރަށް ބާރު ސްޕީޑެއްގައި،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މުބާރާތައް ތައްޔާރު ވުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރަމުން އަންނާތީ އޭއެފްސީއިންވެސް މިހާރުވަނީ މުބާރާތް ރާއްޖޭގައި ބޭއްވޭނެ ކަމުގެ ޔަގީންކަން އަރުވާފައި ކަމަށެވެ. އަދި މިމަހު އައުމަށް ކުރިން ނިންމި އޭއެފްސީ ޓީމް ވެސް މިހާރު އައުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 12 ވަނަ ދުވަހު ކަމަށާއި އެދުވަހަކީ މުބާރާތުގެ ގުރުލުން ކުރިއަށްދާ ދުވަސްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިމުބާރާތުގެ ގުރުލުން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ޕެރެޑައިސް އައިލެންޑް ރިސޯޓްގައެވެ.
މެއި މަހު 19 އިން 30 އަށް ރާއްޖޭގައި ބާއްވާ މި މުބާރާތުގެ މެޗުތައް ކުޅޭ ދެ ދަނޑުގެ މަސައްކަތް ތަރައްގީ ކުރުމުގެ މަސައްކަތް ޔޫތު މިނިސްޓުރީން ވަނީ 71.5 މިލިއަން ރުފިޔާ އަށް ހަވާލްކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަނާ އެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 2015 ވަނަ އަހަރުގެ އޭޝިއަން ކަޕުން ފުރުސަތު ލިބޭ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރާނީ މިޔަންމާ، ކިރްގިސްތާން، އަފްގާނިސްތާން، ފަލަސްތީން، ޕިލިޕީންސް، އަދި ތުރްކުމަނިސްތާނުގެ އިތުރުން ބަނގްލްދޭޝް އެވެ.
ކުރިއަރަމުން އަންނަ ގައުމުތަކަށް އިސްކަން ދީގެން އޭއެފްސީ އިން ބާއްވާ މުބާރާތް އެންމެ ފުރަތަމަ 2006ގައި ބޭއްވީ ބަންގްލަދޭޝްގަ އެވެ. އޭގެ ފަހުން 2008ގައި އިންޑިއާގައި 2010 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި އިރު 2012 ވަނަ އަހަރު ބޭއްވީ ނޭޕާލުގަ އެވެ.