ދިވެހި ސަރުކާރު ހިއްސާވާ ހައްޖު ކޯޕަރޭޝަންގެ އެހީގައި އަހަރަކު ހަތް ސިފައިންނަށް ހައްޖައް ދިއުމުގެ ފުރުސަތު އެކޯޕަރޭޝަނުން ދޭން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމިން އިދްރީސްއެވެ. އެމްއެންޑީއެފް ގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ގެނެރަލް އަހްމަދު ޝިޔާމް އެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ އެމްއެންޑީއެފްގެ ބޭކަލުން ހައްޖައް ދިއުމުގެ ފުރުސަތު ދިނުމައްނިންމީ ރާއްޖޭގެ ދިފާއީ ބާރުގައި ހަރަކާތްތެރިވާ އެންމެހާ މުއައްޒިފުންނަކީ ހައްޖުގެ މަތިވެރި އަޅުކަން އަދާކޮއްފައި ތިބި ބަޔަކަށް ހެދުމަށްކަމަށެވެ.

"މީގެ މާނައެއްނޫން ސިފައިން ލައްވާ ވަކި މަސައްކަތް ތަކެއް ކުރުވުމަކީ. މީގެ އަސްލު ހަގީގީ މާނައަކީ ދިވެހިރާއްޖޭގެ ދިފާއީ ބާރުގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަކީވެސް ހައްޖުގެ މަތިވެރި އަޅުކަން އަދާކޮއްގެންތިބި ބަޔަކަށް ހެދުން" އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރު ކުރިން ވިދާޅުވެފައިވަނީ ހައްޖާޖީންގެ އެހީތެރިންގެ ގޮތުގައި ދިއުމުގެ ފުރުސަތު ދިވެހި ސިފައިންނާއި ފުލުހުންގެ ކޮންމެ މުއައްސަސާއަކުން ވެސް 10 ވަރަކަށް ބޭފުޅުންނަށް ކޮންމެ އަހަރަކުވެސް އެފުރުސަތު ދެވޭނެކަމަށެވެ. އަދި އެ ބޭފުޅުންނަށް އެ ފުރުސަތު ލިބިގެންދާނީ ހައްޖަށް މީހުންގެންދަން ރާއްޖެއަށް ލިބޭ ކޯޓާގެ ތެރެއިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ހައްޖު ކޯޕަރޭޝަނުންވަނީ މިއަހަރު 400 ހައްޖާޖީން ހައްޖައް ގެންދިއުމައް ނިންމާފައި ވެއެވެ.