28 Jan 2014, 15:32
ބެޑް ޓެކްސް އުވާލާ ނަމަ ޓީޖީއެސްޓީ 12 ޕަސެންޓަށް ބޮޑުކުރަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ސަރުކާރަށް ތާއީދުކުރާ މެމްބަރުން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕޫގެ ނައިބު ލީޑަރު ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު މިއަދު ސަން ވިދާޅުވީ ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ނަގާ ޓެކްސް ކަމުގައިވާ ޓީޖީއެސްޓީ މިހާރު އަށް ޕަސެންޓް ނަގަމުންދާ އިރު އެ ޓެކްސް 12 ޕަސެންޓަށް ބޮޑުކުރުމުން ބެޑް ޓެކްސް އުވާލަން ސަރުކާރުން އެއްބަސް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ބެޑް ޓެކްސް އުވާލަން ނިންމާނީ މާދަމާ ބާއްވާ މަޖިލީހުގެ ކޮމެޓީގައި ކަމަށެވެ. އަދި އާމުދަނީގެ ބިލްތައް ވަރަށް އަވަހަށް ފާސްވެގެންދާނެ ކަމަށް ބެލެވޭ ކަމަށް ޒަމީރު ވިދާޅުވި އެވެ.
މީގެ 14 އަހަރު ކުރިން 1999 ވަނަ އަހަރު އަމަލު ކުރަން ފެށި ޓޫރިޒަމްގެ ގާނޫނުގެ 35 ވަނަ މާއްދާގެ ހ.ގައި ބުނެފައި ވަނީ ބެޑް ޓެކްސް ނެގުން ޑިސެމްބަރު 31، 2013ގެ ނިޔަލަށް ނިމުމަކަށް އަންނާނެ އެވެ.
ބެޑް ޓެކްސް އަކީ ބޮޑު އާމުދަނީއެއް ދައުލަތަށް ލިބޭ ޓެކުހެކެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ވެސް ބެޑް ޓެކްސްގެ ގޮތުގައި ދައުލަތަށް ވަނީ 853 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މިދިޔަ އަހަރު އެ މުއްދަތާއި އަޅާބަލާ އިރު 9.5 ޕަސެންޓް އިތުރު އަދަދެކެވެ.