މި މަހުގެ 18 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެ އިންތިހާބުގެ މެޖޯރިޓީ ސަރުކާރު ހިންގާ ކޯލިޝަނުން ނަގައިފި އެވެ.

އަދާލަތު ޕާޓީ ވެސް ހިމެނޭ ގޮތަށް ސަރުކާރު ކޯލިޝަނުން ވަނީ އަތޮޅު ކައުންސިލްގެ 55 ޕަސެންޓް ނޫނީ 73 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އެމްޑީޕީ އަށް ކާމިޔާބުކުރެވިފައި ވަނީ 41 ޕަސެންޓް ނޫނީ އަތޮޅު ކައުންސިލްގެ 55 ގޮނޑި އެވެ.

ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް އަތޮޅު ކައުންސިލްގެ ގޮނޑި ލިބުނު ގޮތަށް ބަލާއިރު ޕީޕީއެމުން ވަނީ އަތޮޅު ކައުންސިލްގެ 44 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އެމްޑީއޭ އިން އަތޮޅު ކައުންސިލްގެ 11 ގޮނޑި ކާމިޔާބު ކުރި އިރު ޖުމްހޫރީ ޕާޓީ އިން ވަނީ އަތޮޅު ކައުންސިލްގެ 15 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އަދި އަދާލަތު ޕާޓީ އިން ވެސް ވަނީ އަތޮޅު ކައުންސިލްގެ ތިން ގޮނޑި ހޯދައިފަ އެވެ.

އަމިއްލަ ގޮން ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އަތޮޅު ކައުންސިލްގެ ގޮނޑި ކާމިޔާބުކުރެވިފައި ވަނީ ތިން ބޭފުޅަކަށެވެ.

ރަށު ކައުންސިލްގެ ގޮނޑިތަކަށް ބަލާއިރު، މިހާތަނަށް ނަތީޖާ އިއުލާނު ކުރި 938 ކައުންސިލަރުންގެ ތެރެއިން ސަރުކާރު ކޯލިޝަނުން ވަނީ 45 ޕަސެންޓް، ނޫނީ 423 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އިދިކޮޅު އެމްޑީޕީ އަށް ކާމިޔާބު ކުރެވިފައި ވަނީ 41 ޕަސެންޓް، ނޫނީ 385 ގޮނޑި އެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން 130 ބޭފުޅަކު ވަނީ ރަށު ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ. އެއީ 13.85 ޕަސެންޓެވެ.

ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ރަށު ކައުންސިލްގެ ގޮނޑި ލިބުނު ގޮތަށް ބަލާ އިރު ޕީޕީއެމުން ވަނީ 227 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އެމްޑީއޭ 44 ގޮނޑި ކާމިޔާބުކޮށްފައިވާ އިރު އަދާލަތު ޕާޓީން ކާމިޔާބުކޮށްފައި ވަނީ 42 ގޮނޑި އެވެ. އަދި ޖުމްހޫރީ ޕާޓީން ވަނީ 109 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީ ނަގާފައި ވަނީ އިދިކޮޅު އެމްޑީޕީންނެވެ. އެ ޕާޓީން ވަނީ އައްޑޫ ސިޓީގެ ހަ ގޮނޑި ވެސް ކާމިޔާބުކޮށްފަ އެވެ. މާލޭ ސޓީ ކައުންސިލްގެ ތިން ގޮނޑި ފިޔަވައި އަނެއް އަށް ގޮނޑި ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީންނެވެ. މާލޭ ސިޓީ ކައުންސިލުން ސަރުކާރު ކޯލިޝަނަށް ލިބިފައި ވަނީ ތިން ގޮނޑި އެވެ.

ފުވައްމުލައް ހިމެނޭ ގޮތަށް ރަށު ކައުންސިލްތަކުގެ ތެރެއިން އެންމެ ގިނަ ކައުންސިލްތަކުގެ މެޖޯރިޓީ ނަގާފައި ވަނީ ސަރުކާރު ކޯލިޝަނުންނެވެ. އެ ކޯލިޝަނުން ވަނީ 86 ކައުންސިލްގެ މެޖޯރިޓީ ނަގާފަ އެވެ. އެމްޑީޕީން ވަނީ 74 ކައުންސިލްގެ މެޖޯރިޓީ ނަގާފަ އެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުން ވަނީ 15 ކައުންސިލެއްގެ މެޖޯރިޓީ ހޯދައިފަ އެވެ.

އަތޮޅު ކައުންސިލްތަކަށް ބަލާ އިރު ހއ. އަތޮޅު ކައުންސިލުން ސަރުކާރު ކޯލިޝަނާއި އެމްޑީޕީ އަށް ވެސް ވަނީ ފަސް ގޮނޑި ލިބިފަ އެވެ. އެ ކައުންސިލަށް އަމިއްލަ ގޮތުން ވާދަކުރެއްވި އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

ހއ. އަތޮޅުގެ ރަށު ކައުންސިލްތަކަށް ބަލާ އިރު ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައި ވަނީ ސަރުކާރު ކޯލިޝަނުންނެވެ. އެ ކޯލިޝަނުން ވަނީ އެ އަތޮޅުން 32 ރަށު ކައުންސިލް ގޮނޑި ކާމިޔާބުކޮށްފަ އެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުނަށް ކާމިޔާބު ކުރެވިފައި ވަނީ ރަށު ކައުންސިލްގެ 19 ގޮނޑި އެވެ.

ހދ. އަތޮޅު ކައުންސިލްގެ މެޖޯރިޓީ ނަގާފައި ވަނީ ސަރުކާރު ކޯލިޝަނުންނެވެ. އެ ކޮލިޝަނުން ހަ ގޮނޑި ކާމިޔާބު ކޮށްފައިވާ އިރު އެމްޑީޕީން ވަނީ ހަތަރު ގޮނޑި ކާމިޔާބުކޮށްފަ އެވެ.

ހދ. އަތޮޅުގެ ރަށު ކައުންސިލްގެ ގޮނޑިތަކަށް ބަލާއިރު 37 ރަށު ކައުންސިލް ގޮނޑި ސަރުކާރު ކޯލިޝަނުން ވަނީ ކާމިޔާބުކޮށްފަ އެވެ. އެމްޑީޕީއަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ 28 ގޮނޑި އެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންނަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ދެ ގޮނޑި އެވެ.

ށ. އަތޮޅު ކައުންސިލްގެ ފަސް ގޮނޑި ކާމިޔާބުކޮށް ސަރުކާރު ކޯލިޝަނުން ވަނީ އެ ކައުންސިލްގެ މެޖޯރިޓީ ނަގާފަ އެވެ. އެމްޑީޕީ އަށް ކާމިޔާބު ކުރެވިފައި ވަނީ ދެ ގޮނޑި އެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އަތޮޅު ކައުންސިލްގެ ގޮނޑި ކާމިޔާބުކުރައްވާފައި ވަނީ އެންމެ ބޭފުޅެކެވެ.

ށ. އަތޮޅުގެ ރަށު ކައުންސިލްގެ ގޮނޑީގެ ތެރެއިން ސަރުކާރު ކޯލިޝަނަށް ކާމިޔާބު ކުރެވިފައި ވަނީ ޖުމްލަ 34 ގޮނޑި އެވެ. އެމްޑީޕީ އަށް ކާމިޔާބު ކުރެވިފައި ވަނީ 29 ގޮނޑި އެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ހަތް ބޭފުޅަކަށް ވަނީ ރަށު ކައުންސިލްގެ ގޮނޑިތައް ކާމިޔާބު ކުރެވިފަ އެވެ.

ނ. އަތޮޅު ކައުންސިލްގެ މެޖޯރިޓީ ނަގާފައި ވަނީ ވެސް ސަރުކާރު ކޯލިޝަނުންނެވެ. އެ ކޯލިޝަނުން ވަނީ ހަތަރު ގޮނޑި ލިބިފަ އެވެ. އެމްޑީޕީ އަށް ކާމިޔާބު ކުރެވިފައި ވަނީ ދެ ގޮނޑި އެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންނަށް އެއްވެސް ގޮނޑިއެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ނ. އަތޮޅުން އެންމެ ގިނަ ރަށު ކައުންސިލްގެ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ އެމްޑީޕީންނެވެ. އެ ޕާޓީން ވަނީ 36 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ސަރުކާރު ކޯލިޝަނަށް ކާމިޔާބު ކުރެވިފައި ވަނީ 29 ގޮނޑި އެވެ. އަމިއްލަގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންނަށް ރަށު ކައުންސިލްގެ އެއްވެސް ގޮނޑިއެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

ރ. އަތޮޅު ކައުންސިލުން އެމްޑީޕީ އަށް ލިބިފައި ވަނީ ހަތަރު ގޮނޑި އެވެ. ސަރުކާރު ކޯލިޝަނުން ވަނީ ހަ ގޮނޑި ކާމިޔާބުކޮށްފަ އެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންނަށް އެއްވެސް ގޮނޑިއެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ރ. އަތޮޅު ރަށު ކައުންސިލްގެ 44 ގޮނޑި ސަރުކާރު ކޯލިޝަނުން ވަނީ ކާމިޔާބުކޮށްފަ އެވެ. އެމްޑީޕީން 25 ގޮނޑި ކާމިޔާބުކޮށްފައިވާ އިރު އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުން ކާމިޔާބުކޮށްފައި ވަނީ ހަތް ގޮނޑި އެވެ.

ބ. އަތޮޅު ކައުންސިލްގެ ހަތަރު ގޮނޑި ކާމިޔާބުކޮށް އެމްޑީޕީން ވަނީ އެ ކައުންސިލްގެ މެޖޯރިޓީ ނަގާފަ އެވެ. ސަރުކާރު ކޯލިޝަނަށް އެ ކައުންސިލްގެ ދެ ގޮނޑި ލިބިފައިވާ އިރު އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންނަށް އެއްވެސް ގޮނޑިއެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ބ. އަތޮޅުން އެންމެ ގިނަ ރަށު ކައުންސިލްގެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ ވެސް އެމްޑީޕީން ނެވެ. އެ ޕާޓީން ވަނީ 37 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ސަރުކާރު ކޯލިޝަނަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ހަ ގޮނޑި އެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުން ވަނީ 12 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

ޅ. އަތޮޅު ކައުންސިލްގެ މެޖޯރިޓީ ނަގާފައި ވަނީ ސަރުކާރު ކޯލިޝަނުންނެވެ. އެ ކޯލިޝަނަށް ހަތަރު ގޮނޑި ލިބިފައިވާ އިރު އެމްޑީޕީ އަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ދެ ގޮނޑި އެވެ.

ޅ. އަތޮޅުގެ ރަށު ކައުންސިލްގެ ގޮނޑިތަކަށް ބަލާ އިރު ސަރުކާރު ކޯލިޝަނާއި އެމްޑީޕީ އަށް ވެސް ލިބިފައި ވަނީ 10 ގޮނޑި އެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުން ވަނީ ހަތަރު ގޮނޑި ކާމިޔާބުކޮށްފަ އެވެ.

ކ. އަތޮޅު ކައުންސިލުން އެމްޑީޕީ އަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ގޮނޑި އެކެވެ. ސަރުކާރު ކޯލިޝަނުން ވަނީ ހަތަރު ގޮނޑި ކާމިޔާބުކޮށްފަ އެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އެއް ބޭފުޅަކަށް ވަނީ އަތޮޅު ކައުންސިލްގެ ގޮނޑި ލިބިފަ އެވެ.

ކ. އަތޮޅުގެ ރަށު ކައުންސިލްގެ 29 ގޮނޑި ސަރުކާރު ކޯލިޝަނުން ކާމިޔާބުކޮށްފައިވާ އިރު އެމްޑީޕީ އަށް ކާމިޔާބު ކުރެވިފައި ވަނީ 13 ގޮނޑި އެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ދެ ބޭފުޅަކު ވަނީ ކާމިޔާބު ކުރައްވާފަ އެވެ.

އއ. އަތޮޅު ކައުންސިލްގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީންނެވެ. އެ އަތޮޅުގެ ރަށު ކައުންސިލްގެ 23 ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފައިވާ އިރު ސަރުކާރު ކޯލިޝަނަށް ކާމިޔާބު ކުރެވިފައި ވަނީ 14 ގޮނޑި އެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންނަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ގޮނޑިއެކެވެ.

އދ. އަތޮޅު ކައުންސިލްގެ ހަތަރު ގޮނޑި ކާމިޔާބުކޮށް ސަރުކާރު ކޯލިޝަނުން ވަނީ އެ ކައުންސިލްގެ މެޖޯރިޓީ ނަގާފަ އެވެ. އެމްޑީޕީ އަށް ލިބިފައި ވަނީ އެ ކައުންސިލްގެ ދެ ގޮނޑި އެވެ.

އދ. އަތޮޅުގެ ރަށު ކައުންސިލްތަކަށް ބަލާއިރު 28 ގޮނޑި ސަރުކާރު ކޯލިޝަނުން ވަނީ ކާމިޔާބުކޮށްފަ އެވެ. އެމްޑީޕީ އަށް ކާމިޔާބު ކުރެވިފައި ވަނީ އަށް ގޮނޑި އެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުން ވަނީ 13 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

ވ. އަތޮޅު ކައުންސިލްގެ ހަތަރު ގޮނޑި ސަރުކާރު ކޯލިޝަނުން ވަނީ ކާމިޔާބުކޮށްފަ އެވެ. އެމްޑީޕީ އަށް ކާމިޔާބު ކުރެވިފައި ވަނީ އެ ކައުންސިލްގެ ދެ ގޮނޑި އެވެ.

ވ. އަތޮޅުގެ ރަށު ކައުންސިލްތަކަށް ބަލާ އިރު އެމްޑީޕީން ވަނީ 14 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ސަރުކާރު ކޯލިޝަނަށް ކާމިޔާބު ކުރެވިފައި ވަނީ ހަތް ގޮނޑި އެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުން ހަތަރު ގޮނޑި ވަނީ ކާމިޔާބުކޮށްފަ އެވެ.

މ. އަތޮޅު ކައުންސިލުން އެމްޑީޕީ އަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ގޮނޑި އެކެވެ. ސަރުކާރު ކޯލިޝަނުން އެ ކައުންސިލްގެ ހަތަރު ގޮނޑި ކާމިޔާބުކޮށްފައިވާ އިރު އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ކާމިޔާބު ކުރެވިފައި ވަނީ އެއްބޭފުޅަކަށެވެ.

މ. އަތޮޅުގެ ރަށު ކައުންސިލްތަކަށް ބަލާއިރު ސަރުކާރު ކޯލިޝަނުން ވަނީ 16 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އަދި އެމްޑީޕީން ފަސް ގޮނޑި ކާމިޔަބުކޮށްފައިވާ އިރު އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުން ވަނީ 19 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

ފ. އަތޮޅު ކައުންސިލްގެ ގޮނޑިތައް އެމްޑީޕީއާއި ކޯލިޝަނަށް ވެސް ލިބުނީ އެއްވަރަކަށެވެ. އެމްޑީޕީ އަށް ވެސް އަދި ސަރުކާރު ކޯލިޝަނަށް ވެސް ލިބިފައި ވަނީ ތިން ގޮނޑި އެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންނަށް އެއްވެސް ގޮނޑިއެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

ފ. އަތޮޅުގެ ރަށު ކައުންސިލްތަކަށް ބަލާ އިރު ސަރުކާރު ކޯލިޝަނުން ވަނީ 12 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އަދި އެމްޑީޕީން 10 ގޮނޑި ކާމިޔާބުކޮށްފައިވާ އިރު އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ތިން ބޭފުޅަކު ވަނީ ކާމިޔާބު ކުރައްވާފަ އެވެ.

ދ. އަތޮޅު ކައުންސިލްގެ ހުރިހާ ގޮނޑިއެއް ވެސް ކާމިޔާބުކޮށްފައި ވަނީ ސަރުކާރު ކޯލިޝަނުންނެވެ. އެ އަތޮޅުގެ ރަށު ކައުންސިލްތަކުގެ އަށް ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފައިވާ އިރު ސަރުކާރު ކޯލިޝަނުން ވަނީ 21 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންނަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ގޮނޑި އެކެވެ.

ތ. އަތޮޅު ކައުންސިލްގެ ފަސް ގޮނޑިއެއް ކާމިޔާބުކޮށް ސަރުކާރު ކޯލިޝަނުން ވަނީ އެ ކައުންސިލްގެ މެޖޯރިޓީނަގާފަ އެވެ. އެމްޑީޕީއަށް ކާމިޔާބުކުރެވިފައި ވަނީ އެންމެ ގޮނޑިއެކެވެ.

ތ. އަތޮޅުގެ ރަށު ކައުންސިލްތަކަށް ބަލާއިރު 27 ގޮނޑިއެއް ސަރުކާރު ކޯލިޝަނަށް ވަނީ ކާމިޔާބު ކުރެވިފަ އެވެ. އެމްޑީޕީން ވަނީ 30 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އަދި އަމިއްލަގޮތުން ވާދަކުރެއްވި ކެންޑިޑޭޓުން ވަނީ އަށް ގޮނޑި ކާމިޔާބުކޮށްފަ އެވެ.

ލ. އަތޮޅު ކައުންސިލަށް ބަލާ އިރު ސަރުކާރު ކޯލިޝަނަށް ވެސް އަދި އެމްޑީޕީ އަށް ވެސް ކާމިޔާބު ކުރެވިފައި ވަނީ ހަތަރު ގޮނޑި އެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންނަށް އެއްވެސް ގޮނޑިއެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

ލ. އަތޮޅުގެ ރަށު ކައުންސިލްތަކަށް ބަލާއިރު ސަރުކާރު ކޯލިޝަނަށް ކާމިޔާބު ކުރެވިފައި ވަނީ 25 ގޮނޑި އެވެ. އެމްޑީޕީއަށް 23 ގޮނޑި ކާމިޔާބު ކުރެވިފައިވާ އިރު އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުން ވަނީ 14 ގޮނޑި ކާމިޔާބު ކޮށްފަ އެވެ.

ގއ. އަތޮޅު ކައުންސިލްގެ ވިލިނގިލީ ދާއިރާގެ އިންތިޚާބު އަދި ބާއްވާފައެއް ނުވެއެވެ. މިހާތަނަށް ބާއްވާފައި ވަނީ ގެމަނަފުށީ ދާއިރާ އާއި ދާންދޫ ދާއިރާގެ އިންތިޚާބެވެ. އެ ދެ ދާއިރާގެ ހުރިހާ ގޮނޑިތައް ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީންނެވެ.

ގއ. އަތޮޅު ރަށު ކައުންސިލްތަކުން އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީންނެވެ. އެ ޕާޓީން ވަނީ 23 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ސަރުކާރު ކޯލިޝަނުން 18 ގޮނޑި ކާމިޔާބު ކޮށްފައިވާ އިރު އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުން ވަނީ ހަތަރު ގޮނޑި ކާމިޔާބުކޮށްފަ އެވެ.

ގދ. އަތޮޅު ކައުންސިލްގެ މެޖޯރިޓީ ނަގާފައި ވަނީ ސަރުކާރު ކޯލިޝަނުންނެވެ. އެމްޑީޕީއަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ތިން ގޮނޑި އެވެ.

ގދ. އަތޮޅުގެ ރަށުގެ ކައުންސިލްތަކަށް ބަލާއިރު އެމްޑީޕީން ވަނީ 20 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ސަރުކާރު ކޯލިޝަނުން 17 ގޮނޑި ކާމިޔާބު ކޮށްފައިވާ އިރު އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުން ވަނީ 10 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

ފުވައްމުލަކަށް ބަލާ އިރު ސަރުކާރު ކޯލިޝަނަށް ކާމިޔާބު ކުރެވިފައި ވަނީ އަތޮޅު ކައުންސިލްގެ އެންމެ ގޮނޑި އެކެވެ. އެމްޑީޕީން ވަނީ ފަސް ގޮނޑި ކާމިޔާބުކޮށްފަ އެވެ.

ފުވައްމުލަކުގެ އަވަށު ކައުންސިލްތަކަށް ބަލާ އިރު އެމްޑީޕީން ވަނީ 19 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ސަރުކާރު ކޯލިޝަނަށް ކާމިޔާބު ކުރެވިފައި ވަނީ ފަސް ގޮނޑި އެވެ.

ނޯޓު: މި ނަތީޖާއަކީ ހއ. މުރައިދޫ އާއި، ބ. ފެހެންދޫ، އދ. މާމިގިލީ، ގއ. ކޮނޑޭގެ ވަގުތީ ނަތީޖާ އިން ފަސް ވަނަ އަދި ހަ ވަނަ އަށް އައި ބޭފުޅުން އެއްވަރުވުމުން އެއިން ކޮންމެ ރަށަކުން އެކަކު އުނިކޮށް ނެރެފައިވާ ނަތީޖާ އެކެވެ.
ތަފްސީލު:http://www.sun.mv/council2014/