28 Jan 2014, 14:39
ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަހްމަދު ސަމީރާއި ކަނޑިތީމް ދާއިރާގެ މެމްބަރު މުހައްމަދު ހުސައިނަށް ޖުމްހޫރީ ޕާޓީގެ ޓިކެޓު ދިނުމަށް އެ ޕާޓީގެ ކައުންސިލުން ފާސްކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރަކު ވިދާޅުވީ ސަމީރު އާއި މުހައްމަދު ހުސައިނަށް އެ ޕާޓީގެ ޓިކެޓު ދިނުމަށް ފާސްކޮށްފައި ވަނީ ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ކަމަށެވެ.
އެ ދެ ބޭފުޅުންގެ ތެރެއިން ސަމީރު ވަނީ މިއަދު އެ ޕާޓީއަށް ސޮއިކުރައްވާފަ އެވެ.
ދިއްދޫ ދާއިރާގެ މެމްބަރު ސަމީރަކީ އެމްޑީޕީގެ ޓިކެޓުގައި އެ ދާއިރާ އަށް އިންތިޚާބުވެވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި މުހައްމަދު ހުސައިނަކީ ޑީއާރްޕީގެ ޓިކެޓުގައި އެ ދާއިރާ އަށް އިންތިޚާބުވެވަޑައިގެންފައިވާ ބޭފުޅެކެވެ.
ސަމީރަކީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމް ހުށަހެޅުއްވި ބޭފުޅެކެވެ. ނަމަވެސް ފަހުން އޭނާ ވަނީ ނަން އަނބުރާ ގެންދަވާފަ އެވެ.