14 Dec 2010, 16:33
ސުޕްރީމް ކޯޓަށް ޑީއާރްޕީން ހުށަހެޅި ރުހުން ނެތް ވަޒީރުންގެ މައްސަލައިގައި ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ޑީއާރުޕީން މިރޭ ބޭއްވި ޖަލްސާއަށް ވަދެވަޑައިގަތުމަށް އުމަރު ނަސީރު މަސައްކަތްކުރެއްވުމުން، އެ މައްސަލަ ހޫނުވެ، ހަމަނުޖެހުން ބޮޑުވުމުން އެ ޖަލްސާ ކެންސަލް ކޮށްފި އެވެ.
އުމަރަށް ތާއީދު ކުރާ މީހުންނާއި ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އަށް ތާއީދު ކުރާ މީހުންގެ ދެމެދުގައި މައްސަލަ ހޫނުވެ ތަޅައިގަތީ، މިރޭ 9:30 އެހާކަށްހާއިރު ޣިޔާސުއްދީން ސްކޫލްގައި ބޭއްވި ޖަލްސާ އަށް، ހުއްދައާ ނުލައި އުމަރު ވަދެވަޑައިގަންނަވަން އުޅުމުންނެވެ.
އެ ހަމަނުޖެހުން ކޮންޓްރޯލް ކުރީ ފުލުހުން އެ އެތަނަށް ގޮސްފަ އެވެ. އަދި ހަމަނުޖެހުން ކޮންޓްރޯލް ކުރިތާ ކުޑައިރުކޮޅެއް ފަހުން، ގާތްގަނޑަކަށް 10:20 ހާއިރު އެޕާޓީގެ ކައުންސިލް މެމްބަރު އާޒިމާ ޝުކޫރު ވަނީ ޖަލްސާ ނިންމާލިކަން އިއުލާންކުރައްވައިފަ އެވެ.
ޖަލްސާ ކަވަރުކުރަމުންދިޔަ ސަން އޮންލައިންގެ ނޫސްވެރިން ބުނީ އެތަނުގައި ތިބި އުމަރަށް ތާއީދު ކުރާ ފަރާތްތަކުން ބުނަމުން ދިޔައީ އުމަރާ ނުލައި ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަނެއް ގްރޫޕުން ބުނަމުން ދަނީ އުމަރު ބައިވެރިކޮށްގެން ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި އެ ދެ ގްރޫޕް ދެމެދުގައި ހިނގި ހަމަނުޖެހުމުގައި ކޮންމެ ވެސް ވަރަކަށް ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ.
އެ ހަމަނުޖެހުމުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ވެސް އަނިޔާވެފައިވާ ކަމަށް އެ ސަރަހައްދުގައި ހުރި ސަންގެ ޖާނަލިސްޓް އިބްރާހީމް ޒަކީ ބުންޏެވެ. ޒަކީ ބުނީ، ދެ ފަރާތުގެ ދެމެދުގައި ހަމަނުޖެހުން ފެށުމާ އެކު، ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން ހޯލް ދޫކުރައްވައި އެތަނުން ވަޑައިގެންނެވީ ކަމަށެވެ.
ހަމަނުޖެހުމުގެ ތެރޭގައި، އެ ތަނުގައި ހުރި ބިއްލޫރި މޭޒެއް މީހެއް ބޯމައްޗަށް ދަމާލައި މީހެއްގެ ގައިގާ ޖެހުމަށް ވެސް މަސައްކަތް ކުރި ކަމަށް ޒަކީ ބުންޏެވެ.