28 Jan 2014, 13:19
މަލްބަރޯ ސިނގިރެޓް އިޝްތިހާރުތަކުގައި "މަލްބަރޯ މޭން"ގެ ރޯލު ކުރިން އަދާކުރި އެމެރިކާގެ ކުރީގެ މަޝްހޫރު އެކްޓަރު އެރިކް ލޯވްސަން، ދުންފަތުގެ އިސްތިއުމާލުކުރުމުން ޖެހޭ ބައްޔެއްގައި އުމުރުން 72 އަހަރުގައި މަރުވެއްޖެ އެވެ.
ކުރީގެ މަޝްހޫރު މެގަޒިންތަކުން 1970އާއި 1980ގެ އަހަރު ތަކުގައި މަލްބަރޯ ސިނގިރެޓް އިޝްތިހާރު ކުރުމަށް "ސިނގިރެޓް ޖަހާލާފައި ހުންނަ ކަވްބޯއީއެއްގެ ކެރެކްޓާ" ދައްކުވައިދިން ލޯވްސަން އަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ބަލިތަކުގެ ސަބަބުން މަރުވި، "މަލްބަރޯ މޭން"ގެ ރޯލު އަދާކުރި ފަސްވަނަ އެކްޓަރެވެ.
ލޯވްސަންގެ އަންހެނުން ސޫޒަން ލޯވްސަން މިދިޔަ އާދީއްތަ ދުވަހު އެސޯސިއޭޓެޓް ޕްރެސްއަށް ބުނެފައި ވަނީ، އޭނާގެ ފިރިމީހާ މަރުވެފައި ވަނީ، މި މަހުގެ 10 ވަނަ ދުވަހު ކެލިފޯނިޔާގައި ހުންނަ އޭނާގެ އަމިއްލަ ގޭގައި ކަމަށެވެ. އަދި އޭނާ މަރުވީ، "ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީސް" ނުވަތަ ސީއޯޕީޑީގެ ސަބަބުން ނޭވާލާ ނިޒާމް ހަލާކުވެގެން ކަމަށެވެ.
ލޯވްސަން ވަނީ އޭނާގެ ފިލްމު ކެރިއަރު ނިންމައިލުމުގެ ކުރިން ޗާލީސް އެންޖެލްސް އާއި ބަރޭޓާ ފަދަ މަޝްހޫރު ޓީވީ ޝޯތަކުގައި ހަރަކާތްތެރިވެފަ އެވެ. އަދި އޭނާ ވަނީ، 1997 ގައި އެމެރިކާގެ ކެންސާ ސޮސައިޓީން ތައްޔާރުކުރި ދުންފަތާ ދެކޮޅު އިޝްތިހާރު ތަކެއްގައި ވެސް ފެނިގެންގޮސްފަ އެވެ.
އުމުރުން 14 އަހަރުގައި ދުންފަތުގެ އިސްތިއުމާލުކުރަން ފެށި ލޯވްސަން ވަނީ، "އެންޓަޓެއިނމެންޓް ޓްނައިޓް" ކިޔާ ޓީވީ ޝޯއެއްގައި ފަހުން ދުންފަތާ ދެކޮޅަށް ހަރަކާތްތެރިވެފަ އެވެ. އެގޮތުން ދުންފަތުން ކުރާ ނޭދެވޭ އަސަރުތަކުގެ ވާހަކަ އޭނާ އެޝޯގައި ގެނެސްދީފައިވެ އެވެ.
ޓީވީ އިޝްތިހާރުތަކަށް 1950ގެ އަހަރުތަކުގައި މަލްބަރޯ މޭންގެ ރޯލު ފުރަތަމަ ކުޅުނު ޑޭވިޑް މިލާ، އުމުރުން 81 އަހަރުގައި މަރުވެފައިވަނީ ހަމަ މި ބަލީގަ އެވެ. އަދި އޭގެ ފަސް އަހަރު ފަހުން ކުރީގެ މަލްބަރޯ މޭން އެއް ކަމަށްވާ ވޭން މެކްލަރެން މަރުވީ، ފުއްޕާމޭގެ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް އުމުރުން 51 އަހަރުގަ އެވެ.
މެކްލެރަން މަރުވުމުގެ ކުރިން އޭނާ ވަނީ، ދުންފަތުން ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން މީހުން ހޭލުންތެރި ކުރުމަށް މަސައްކަތްތަކެއް ކޮށްފަ އެވެ. އަދި އޭނާ ވަނީ މަލްބަރޯ އުފައްދާ އެމެރިކާގެ ކުންފުނި "ޕިލިޕްސް މޮރިސް އިންޓަނޭޝަނަލް" އާއި ދެކޮޅަށް ކޯޓަށް މައްސަލައެއް ވެސް ވައްދައިފަ އެވެ.
"ދުންފަތަކީ ތީބާ ނެތިކޮށްލާ އެއްޗެއް. އެގޮތުން އަހަންނަކީ މީގެ ދިރިހުރި މިސާލެއް،" މަރު ބަލީގައި އޮވެގެން އެންމެ ފަހުވަގުތުގައި މެކްލެރަން ދެއްކި ވާހަކަތައް ކަމަށްބުނެ އޭނާގެ މަންމަ ކިޔާދީފައި ވެއެވެ.
ވޭން މެކްލެރަންގެ ފަހުން 1995ގައި ފުއްޕާމެއަށް ކެންސަރު ޖެހިގެން ޑޭވިޑް މެކްލެރަން 73 އަހަރުގައި އަދި އޭގެ ފަހުން 1995ގައި މިސްޓަރ ހެމާ އުމުރުން 69 އަހަރުގައި މަރުވެފައިވަނީ ވެސް ހަމަ މި ބަލީގަ އެވެ.
ރިޕޯޓުތައް ބުނާގޮތުން ޑޭވިޑް މެކްލެރަން އަކީ އެއްފަހަރު މަތިން ހުއްޓައި ނުލައި ފަސް ފޮށި ސިނގިރެޓް ހުސްކޮށްލާ މީހެކެވެ.
ލޯވްސަންގެ އަންހެހުން ބުނީ، އެންމެ ފުރަތަމައިނުން ފެށިގެން ވެސް ލޯވްސަން ވަނީ، ދުންފަތަށް ދެވިހިފާފައި ކަމަށާއި އަދި އޭނާއަށް އެކަމުން ލިބޭ ގެއްލުންތައް އިހްސާސް ކުރެވުނު ނަމަވެސް އޭނާއަށް އެކަމާ ދުރަށް ނުދެވުނު ކަމަށެވެ.
ލޯވްސަން މަރުވިއިރު އޭނާގެ ހަ ދަރިންނާއި، 18 ކާފަދަރިންނާއި، 11 މުނިކާފަ ދަރިން ދުނިޔޭގައި ތިބިކަމަށްވެ އެވެ.