ފުވައްމުލަކުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ކުވޭތު ފަންޑުން ރާއްޖެ އަށް 11.3 މިލިއަން ޑޮލަރުގެ (174.24 މިލިއަން ރުފިޔާ)ގެ ލޯން އެހީއެއް ދީފި އެވެ.

ފިނޭންސް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތުގައި އެ ލޯން އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އެވެ. އަދި ކުވޭތު ފަންޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ހިޝާމް އަލް ވަގަޔަން އެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވީ ކުވޭތު ފަންޑުން ރާއްޖެ އަށް މިއަދު ދިން ލޯނަކީ ސޮފްޓް ލޯނެއް ކަމަށާއި އެ ލޯނުގެ އިންޓްރެސްޓަކީ ދެ ޕަސެންޓް ކަމަށެވެ. އަދި އެޑްމިނިސްޓްރޭޓިވް ޗާޖުގެ ގޮތުގައި ފަސް ޕަސެންޓް ހިމެނޭނެ ގޮތަށް ދިން އެ ލޯން އަދާކުރަން ޖެހޭނީ 24 އަހަރުގެ ތެރޭގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި އެންވާރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ ފުވައްމުލަކުގައި ގާއިމްކުރާ ފެނާއި ނަރުދަމާގެ ނިޒާމަކީ 15 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށާއި އެ ގޮތުން އެ ޕްރޮޖެކްޓަށް ކުވޭތުގެ ލޯން އެހީގެ އިތުރުން ސަރުކާރުން 3.2 މިލިއަން ޑޮލަރު ހަރަދުކުރާނެ ކަމަށެވެ.

މިނިސްޓަރު ތޯރިގް ވިދާޅުވީ ޑިޒައިން ކުރުމަށް ކޮންސަލްޓަންޓެއް ހޯދުމުގެ މަސައްކަތް ފިނޭންސް މިނިސްޓަރީއާ ގުޅިގެން ފަށާފައިވާ އިރު ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ޑިޒައިންކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި ހަ މަސް ދުވަސް ވުމުގެ ކުރިން ކޮންޓެރެކްޓަރެއް ހޯދައި މަސައްކަތް ފެއްޓޭވަރު ކުރާނެ ކަމަށާއި 2016 ވަނަ އަހަރު އެ ޕްރޮޖެކްޓް ނިންމާލެވޭ ވަރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ފުވައްމުލަކުގެ ގިރާ ސަރަހައްދު ސަލާމަތް ކުރުމަށް ކުވޭތު ފަންޑުގެ ލޯން އެހީއަކަށް އެދިފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން 26 މިލިއަން ޑޮލަރު ހަރަދުވާ އެ ޕްރޮޖެކްޓަށް ކުވޭތު ފަންޑުން ދެބައި ކުޅަ އެއްބައި ދޭން އެދިފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.