ދިވެހި ރާއްޖޭގެ އާބާދީ އާއި ދިރިއުޅޭތަންތަނުގެ "ބޯހިމެނުން 2014"ގެ ސުވާލު ކަރުދާސް ޓެސްޓްކުރުމުގެ ގޮތުން މާލޭގައި ބައެއް ގޭގެއަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގްގެ ޓީމުތަކުން މިއަދު ޒިޔާރަތް ކުރަމުން ގެންދާނެ ކަމަށް އެ ޑިޕާޓްމަންޓުން ބުނެފި އެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގް އިން މިއަދު ބުނީ މި އަހަރު ބޯހިމެނުމަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދާ މި ޕްރީ ޓެސްޓް ކުރިއަށް ދާނީ އަންނަ ބުރާސްފަތި ދުވަހު މާލާގެ ވަކި ސަރަހައްދުތަކެއްގައި ކަމަށެވެ.

ޕްރީ ޓެސްޓް ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވާ މާލޭގެ ބްލޮކްތަކަކީ 119،175،184 އަދި 185 ގަ އެވެ. އަދި މި ބްލޮކްތަކުގައި ހިމެނޭ ގޭބިސީތަކަށް އެ ޑިޕާޓްމަންޓުން ހޮވާލެވޭ ޓީމްތަކެއް ޒިޔާރަތްކޮށް މީހުންގެ އަދި ތަންތަނުގެ މައުލޫމާތު ނެގުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ވެސް ޕްލޭނިންގް ޑިޕާޓްމަންޓުން ބުންޏެވެ.

ޕްލޭނިންގް ޑިޕާޓްމަންޓުން ބުނީ ޕްރީ ޓެސްޓް މާލޭގައި ކުރިއަށް ގެންދިއުމުގެ ބޭނުމަކީ މި އަހަރުގެ ބޯހިމެނުމަށް ތައްޔާރުކޮށްފައިވާ ކަރުދާހުގައި މައްސަލަތަކެއް ހުރިތޯ ބަލައި މައުލޫމާތު ނެގުމުގައި ދިމާވާ ދަތިތައް ދެނެގަތުން ކަމަށެވެ.

މި ޕްރީ ޓެސްޓް ކުރިއަށްދާ އިރު ހުރިހާ ފަރާތްތަކުން ވެސް އެ ޑިޕާޓްމަންޓުން ގޭ ބިސީތަކަށް ޒިޔާރަތްކުރާ ޓީމްތަކަށް އެއްބާރުލުން ދިނުމަށް ވެސް އެޑިޕާޓްމަންޓުން ވަނީ އެދިފަ އެވެ.