މި އަހަރު ބާއްވާ ރައްޔިތުން މަޖިލިސް އިންތިހާބުގެ އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމަށް ނަން ހުށަހެޅި ތިން ދާއިރާއަކުން ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމެޓީން އެ ޕާޓީގެ އެޑްވައިޒަރީ ކޮމެޓީގެ މެންބަރު ނިޔާޒް ވިދާޅުވީ ފުވައްމުލަކު ދެކުނު ދާއިރާއަށް ކުރިމަތިލެއްވި ތިން ކެންޑިޑޭޓުންގެ ތެރެއިން ދެ ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އެހެންކަމުން ފުވަމުލަކު ދެކުނު ދާއިރާގެ ޓިކެޓް ވަނީ އިންތިހާބަކާއިނުލާ އެ ދާއިރާ އަށް ވާދަކުރައްވަން ހުންނެވި ހަމަ އެކަނި ކެންޑިޑޭޓް އަބްދުﷲ ނާފިޒުއަށް ލިބިވަޑައިގެންފައިވާ ކަމަށް ނިޔާޒް ވިދާޅުވި އެވެ. ފުވައްމުލަކު ދެކުނު ދާއިރާއަށް ކުރިމަތިލެއްވުމަށް ފަހު ނަން އަނބުރާ ގެންގޮސްފައި ވަނީ އެ ރަށުން ކުރިމަތިލި އަހްމަދު ނަޝީދާއި އަހަމަދު އަލީ އަހްމަދެވެ.

އޭގެ އިތުރުން ރ. އުނގޫފާރު ދާއިރާއަށް ކުރިމަތިލެއްވި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން ދެ ކެންޑިޑޭޓުންގެ ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ. އެހެން ނަމަވެސް އިތުރު ދެ ކެންޑިޑޭޓުން ތިބުމުގެ ސަބަބުން އެ ދާއިރާގެ ޕްރައިމަރީ ބާއްވާނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ. ހަމަ އެހެންމެ ދިއްގަރު ދާއިރާއަށް ވާދަކުރައްވާ އެއް ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ. އެ ދާއިރާގައި ވެސް އިތުރު ދެ ކެންޑިޑޭޓުން ތިއްބެވި ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ މިއަދު ބުނީ ބާރަށު ދާއިރާގެ ޕްރައިމަރީ މާދަމާ މާލެގެ އާއި އެ ދާއިރާގެ ރަށްތަކުގައި ބާއްވާނެ ކަމަށެވެ. އަދި އަންނަ ހުކުރު ދުވަހު 30 ދާއިރާއެއްގެ ޕްރައިމަރީ މާލެ އާއި އަތޮޅުތަކުގައި ބާއްވާނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.

އެމްޑީޕީން މިހާތަނަށް 25 ދާއިރާއެއްގެ ޕްރައިމަރީ ބާއްވާފައިވާ އިރު 28 ދާއިރާއަކަށް މެންބަރުނަށް ވަނީ އިންތިހާބަކާއި ނުލާ ޓިކެޓް ކަށަވަރުވެފަ އެވެ.