28 Jan 2014, 12:50
ކުޑަ ކުއްޖަކާ މެދު އެއްޖިންސުން ގުޅުން ހިންގި މީހަކު 10 އަހަރަށް ޖަލަށްލާން ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.
އެކި ދުވަސްމަތިން ކުޑަ ފިރިހެން ކުއްޖަކާ މެދު އެއްޖިންސުން ގުޅުން ހިންގިކަން ސާބިތުވެގެން އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން އިއްޔެ ހުކުމްކޮށްފައި ވަނީ އެ އަތޮޅު މަޑުއްވަރީ ބަހާރީ ގުލްޝަން، މޫސާ މުހައްމަދު މަނިކު،50، މައްޗަށެވެ.
އޭނާގެ މައްޗަށް ދެ ދައުވާއެއް ދައުލަތުން ވަނީ އުފުލާފަ އެވެ.
އެއީ ކުޑަކުއްޖަކާ މެދު އެއްޖިންސުން ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ އާއި އޮރިއާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ.
އުނގޫފާރު ކޯޓުން ބުނީ އޭގެ ތެރެއިން ކުޑަ ކުއްޖަކާ މެދު އެއްޖިންސުން ގުޅުން ހިންގި ދައުވާއަށް އޭނާ އިންކާރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ދައުލަތުން ހުށަހެޅި ހެކިން އޭނާ އެކަން ކުރިކަން ސާބިތުވުމާއި ގުޅިގެން ވަނީ މޫސާ މަނިކު 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ.
އެ މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކީގައި ބުނެފައި ވަނީ ކުޑަ ފިރިހެން ކުއްޖާގެ އުމުރުން 13 އަހަރު ނުފުރޭއިރުން ފެށިގެން ވެސް އެކުއްޖާއާ މެދު ޖިންސީ އަމަލު ހިންގާ ކަމަށެވެ. އަދި އޭނާ އެކަން ކުރާތާ ދޮޅު އަހަރުވެފައިވާ ކަމަށް ވެސް އުނގޫފާރު ކޯޓުން ކުރި ހުކުމުގައި ބުނެފައިވެ އެވެ.
އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން ބުނީ މޫސާ މަނިކުގެ މައްޗަށް އުފުލި އޮރިއާންކާޑު ގެންގުޅުމުގެ ދައުވާއަށް އޭނާ ވަނީ އަމިއްލައަށް އިއުތިރާފުވެފައި ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އޭނާގެ ގެއިން ފެނުނު އޮރިއާން މަންޒަރު ހިމެނޭ ސީޑީ ތަކަކީ އޭނާގެ އެއްޗެހި ތަކެއް ކަމަށް ވަނީ އެއްބަސްވެފަ އެވެ.
އެ މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ވަނީ ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ކޮށްފަ އެވެ.