28 Jan 2014, 12:31
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ވިޕްލައިނާ ހިލާފަށް ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިން މައްސަލާގައި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމާއި ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމަށް އެމްޑީޕީގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި ތިން އަހަރު ވަންދެން ވާދަނުކުރެވޭ ގޮތަށް ސަސްޕެންޑްކޮށްފި އެވެ.
އެމްޑީޕީގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ ދެ މެމްބަރުންނާ މެދު އެގޮތަށް ފިޔަވަޅު އަޅާފައި ވަނީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީ އަށް ހުށަހަޅާފައިވާ ތްރީލައިން ވިޕްއާ ހިލާފުވި މައްސަލަ ބެލުމަށް ފަހު ކަމަށެވެ.
އެމްޑީޕީން މިއަދު ބުނީ އެ ދެ މެމްބަރުންނަށް ވިޕްލައިނާ ހިލާފުވުން ތަކުރާރު ނުވުމަށް ނަސޭހަތްތެރިވެ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ތާރީޙުގެ ނިޔަލަށް މެމްބަރުކަމުން ސަސްޕެންޑްކުރުމާއި 30 ޖެނުއަރީ 2014ގެ ކުރިން މެމްބަރުންގެ ކިބައިން މައާފަށް އެދިވަޑައިގެންނެވުމާއި އަދި މައާފަށް އެދިވަޑައިގަންނަވާ ތާރީޙުންފެށިގެން ތިން އަހަރުގެ މުއްދަތަށް ޕާޓީގެ އެއްވެސް މަގާމަކަށް، އަދި އޮވެދާނެ ޕްރައިމަރީއެއްގައި ވެސް ބައިވެރިނުވެވޭ ގޮތަށް ނިންމައިފައިވާ ކަމަށެވެ.
ގައްދޫ ޒާހިރު ސަން އަށް ވިދާޅުވީ އޭނާއާ މެދު އެމްޑީޕީން އަޅަން ޖެހޭ ފިޔަވަޅެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"މަޖިލީހުގެ ގޮނޑި އަޅުގަނޑު ކާމިޔާބު ކުރީ އަމިއްލަ ގޮތުން. ދެން މި ގޮނޑީގައި އިދެ އަޅުގަނޑު ނިންމާ ނިންމުމަކާ މެދު އަޅުގަނޑާ ސުވާލުކޮށް އެޅޭނެ ފިޔަވަޅެއް އޮވެދާނެ ކަމަކަށް އަޅުގަނޑު ނުދެކެން،" ޒާހިރު ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން އަބްދުﷲ އަބްދުއްރަހީމްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އަބްދުއްރަހީމާއި ގައްދޫ ޒާހިރުގެ އިތުރުން އެ މައްސަލާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާ މެދު ވެސް އެ ކޮމިޓީން ވަނީ ފިޔަވަޅު އަޅައިފަ އެވެ. އެގޮތުން ޕްރައިމަރީއަކާ ނުލައި ޖާބިރަށް ދިން އެމްޑީޕީގެ ޓިކެޓް އަތުލުމުގެ އިތުރަށް އެމްޑީޕީގެ އިންތިހާބީ މަގާމުތަކުން ވެސް އޭނާ ވަނީ ދުރުކޮށްފަ އެވެ.
ނަމަވެސް ޖާބިރު އެމްޑީޕީގެ މެމްބަރުންގެ ކިބައިން މި ޖެނުއަރީ މަހުގެ ނިޔަލަށް މައާފަށް އެދިވަޑައިގެންފި ނަމަ، އަލުން އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެވޭ ގޮތަށް ކޮމިޓީން ވަނީ ނިންމައިފަ އެވެ.
އެ މައްސަލާގައި އެ ތިން މެމްބަރުންގެ އިތުރުން ކޮމިޓީ އަށް މައްސަލަ ހުށަހަޅާފައި ވަނީ ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ރަޝީދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ އަދި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އެވެ. ނަމަވެސް އަހުމަދު އީސާ އާއި އަލީ ރިޒާގެ މައްސަލަ ކޮމިޓީން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.
އެމްޑީޕީގެ އޮފިޝަލު މިއަދު ވިދާޅުވީ އަލީ ރިޒާގެ މައްސަލަ ކޮމިޓީން އަނބުރާ ފޮނުވާލައިފައި ވަނީ އޭނާ ކޮމިޓީއަށް ހާޒިރުވެ އެކަމަށް މައާފަށް އެދިފައިވާތީ ކަމަށެވެ. އަދި އޭނާ އެގޮތަށް ކަންތައްތައް ކުރީ ޕާޓީގެ ބައެއް ފަރާތްތަކުން ތަކުރާރުކޮށް ތްރީލައިން ވިޕްތަކާ ހިލާފްވަމުން ގެންދާއިރު ވެސް އެކަމާ މެދު ފިޔަވަޅު ނާޅާތީވެ، އެކަން ސަމާލު ކަމަށް ގެނައުމުގެ ބޭނުމުގައި ކަމަށް ކޮމިޓީގައި ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތްރީލައިން ވިޕާ ހިލާފަށް ވޯޓްދެއްވި ބޭފުޅުންގެ ގެތެރެއިން ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ. އަދި ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑު) ވަނީ ވޯޓް ދެއްވި ދުވަހު އެ ޕާޓީން ވަކިވެވަޑައިގެން ޕީޕީއެމާ ގުޅިވަޑައިގެންފަ އެވެ.