އަރަބި، އިސްލާމީ ގައުމުތަކާއި ރާއްޖެ އާއި ދެމެދު ގުޅުން ބަދަހި ކުރުމަށް ވަރަށް އަވަހަށް ގިނަ ކަންތައްތަކެއް ކުރެވިގެންދާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު "ސަން" އަށް ވިދާޅުވީ އަރަބި، އިސްލާމީ ގައުމުތަކާ ގުޅުން ބަދަހިކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އާއި ރައީސް ޖުމްހޫރިއްޔާގެ ނައިބް އަރަބި ގައުމުތަކަށް ދަތުރުތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެގައުމުތަކުގެ އިސްވެރިން ވެސް ރާއްޖެ އަށް އައުމަށް ނިންމާފައިވާ ކަމަށް މުއާޒް ވިދާޅުވި އެވެ.

"ރައީސް މައުމޫންގެ ވެރިކަމުގައި އަރަބި ގައުމުތަކާއި ބޭއްވެވި ގާތް ރަހުމަތްތެރި ގުޅުން މިސަރުކާރުން ވެސް ބޭއްވުމަށް މިވަނީ ނިންމައި މަސައްކަތް ފަށާފައި،" މުއާޒް ވިދާޅުވި އެވެ.

މުއާޒް ވިދާޅުވީ އެގޮތުން ކުރައްވާ ފުރަތަމަ ދަތުރުގައި މާދަމާ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ގަތަރަށް ދަތުރުފުޅެއް ފައްޓަވާނެ ކަމަށެވެ. އެދަތުރުފުޅުގައި ވިޔަފާރީގެ ފުރުސަތުތަކާއި އަރަބި ގައުމުތަކަށް ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުސަތުތައް ހުޅުވާލާނެ ކަމަށް މުއާޒް ވިދާޅުވި އެވެ. އެ ދަތުރުފުޅުގައި ނައިބް ރައީސް ގަތަރުގެ އަމީރުގެ އަރިހަށް ޒިޔާރަތެއް ކުރެއްވުމަށް ވަނީ ނިންމާފަ އެވެ.

އޭނާ އިތުރަށް ވިދާޅުވީ ވަރަށް ކައިރި މުސްތަގުބަލެއްގައި އަރަބި ގައުމެއްގެ އިސްވެރިޔަކު ރާއްޖެ އަށް ވަޑައިގަތުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް މުއާޒް ނުދެއްވަ އެވެ.