ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ގްރޫޕް ތިނެއްގެ ފުރަތަމަ މެޗު ބީޖީ ސްޕޯޓްސް އަތުން 1-0 ލަނޑުން މެޗް ކާމިޔާބުކޮށް، ކެލާ ނާޅި ސްޕޯޓްސްގެ ފެށުން ރަނގަޅުކޮށްފި އެވެ.

ޓާފް އެއް ނަންބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބީޖީ ކޮޅަށް ކެލާނާޅިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އެ ޓީމުގެ ކެޕްޓަން ހާރިޝް ރަޝީދެވެ. އޭނާ އެލަނޑު ބީޖީ ކޮޅަށް ޖަހާފައި ވަނީ ދެވަނަ ހާފްގެ 73 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ނެވެ.

މިމުބާރާތުގައި މިއަދު ވެސް ދެމެޗް ކުޅުމަށް ހަމަޖެހިފައިވާ އިރު، ފުރަތަމަ މެޗުގައި ހަވީރު 4:10ގައި ބައްދަލުކުރާ ދެ ޓީމަކީ ގްރޫޕް އެކެއްގެ ވިކްޓަރީ ސްޕޯޓްސް ކުލަބާއި ކުލަބް ގްރީން ސްޓްރީޓެވެ. އަދި ދެ ވަނަ މެޗުގައި މިރޭ 9:00ގައި ބައްދަލުކުރާ ދެ ޓީމަކީ ހަމަ މި ގްރޫޕްގެ މަހިބަދޫ އާއި ކުލަބް ވެލެންސިއާ އެވެ.

މި އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި 13 ޓީމު ބައިވެރިވެފައިވާ އިރު ޓީމުތައް ވަނީ ތިން ގްރޫޕަކަށް ބަހާލާފަ އެވެ. އެގޮތުން ގްރޫޕް އެކެއްގައި ފަސް ޓީމު ހިމަނާފައިވާ އިރު އަނެއް ދެ ގްރޫޕުން ކޮންމެ ގްރޫޕެއްގައި ވެސް ހިމެނެނީ ފަސްޓީމެވެ.

މުބާރާތް ރާވާފައި ވަނީ ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމާއި، ގްރޫޕްތަކުގެ ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމާ އެކު އަށް ޓީމު ކުއާޓާ ފައިނަލަށް ހޮވޭ ގޮތަށެވެ. ކުއާޓާ ފައިނަލް މެޗުތައް ފަށާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. އަދި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ފެބްރުއަރީ 16 އަދި 17 ގައި ކުޅުމަށް ހަމަޖެހިފައިވާ އިރު މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ފެބްރުއަރީ 20 ވަނަ ދުވަހު ހަވީރު އެވެ.

އެފްއޭއެމްއިން 2011 ވަނަ އަހަރު ތައާރަފްކުރި މި މުބާރާތަކީ ޖަޕާން ފުޓްބޯލް އެސޯސިއޭޝަން (ޖޭއެފްއޭ)ގެ އެހީތެރިކަމާ ބާއްވަމުން އަންނަ މުބާރާތެކެވެ.