ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގަވާއިދު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް، އެ ކޮމިޝަންގެ ވެބްސައިޓްގައި ޝާއިޢުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގަވާއިދަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ 22 ވަނަ މާއްދާގެ ދަށުން އިލެކްޝަންސް ކޮމިޝަން އިން އެކުލަވާލައި އާންމު ކުރަން ޖެހޭ ގަވާއިދެކެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގަވާއިދު 2014، އާންމު ކުރުމާ ގުޅިގެން 23 ފެބުރުއަރީ 2012ގައި އާންމުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގަވާއިދު ބާތިލުވީ ކަމަށެވެ.

މިއަދު އާންމުކުރި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގަވާއިދު ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އިތުރު ބުރުތަކާއި ބައި-އިލެކްޝަންތަކާ ބެހޭ އެންމެހައި ކަންކަން ހިންގައި ބަލަހައްޓައި ވިލަރެސް ކުރާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ގޮތުން އިލެކްޝަންސް ކޮމިޝަނަށް ބޭނުންވާ ލަފާ ހޯދުމަށާއި މަޝްވަރާ ކުރުމަށް އިންތިޚާބާ ބެހޭ ލަފާދޭ ގައުމީ ކޮމިޓީއެއް އިލެކްޝަންސް
ކޮމިޝަނަށް ބޭނުންވެއްޖެ ހިނދެއްގައި އުފެއްދިދާނެ އެވެ.

ގަވާއިދުގައި ބުނެފައިވާ ކޮމެޓީގައި ހިމެނޭނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކެންޑިޑޭޓުން ނެރޭ ސިޔާސީ ޕާޓީތައް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، ސިވިލް ސާވިސް ކޮމިޝަން، މޯލްޑިވްސް ޕޮލިސް ސަވިސް، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން، މޯލްޑިވްސް މީޑިއާ ކައުންސިލް، މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަންގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ ތެރެއިން އިލެކްޝަންސް
ކޮމިޝަނުން ކަނޑައަޅާ ޖަމްޢިއްޔާތައް އެ ކޮމެޓީގައި ހިމެނޭނެ އެވެ.