ތަރުކާރީ ފޮށިގަނޑެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސުން އަތުލައިގެންފި އެވެ.


ކަސްޓަމްސުން މިއަދު ބުނީ މިދިޔަ އާދީއްތަ ދުވަހު ކޮލަންބޯ މަގުން އައި ޔޫއެލްގެ ޕްލައިޓަކުން ގެނައި އެ މަސްތުވާތަކެތި ހުރީ ކޮލަންބޯ މަގުން އިންޑީޔާގެ ޓްރެވިންޑްރަމުން ރާއްޖޭގެ ކުންފުންޏެއްގެ ނަމުގައި ގެނައި އެއާ ކާގޯގެ ތަރުކާރީ ޝިޕްމަންޓެއްގެ ތެރޭގައި ކަމަށެވެ. އަދި އެތަކެތި އަތުލައިގަތީ އެއާ ކާގޯ ސެކްޝަނުގެ މުވައްޒަފުން އެ ޝިޕްމަންޓް ޗެކްކުރި ކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅައި ބަންދުކޮށްފައިވާ ފަސް ޕެކެޓް އެ ފޮށިގަނޑުގެ އަރިމަތީގައި ފޮރުވާފައި ހުއްޓައި ފެނިގެން ކަމަށް ވެސް ކަސްޓަމްސުން ބުނެ އެވެ.


އަދި އެތަކެތި މުދާ ކްލިއާ ކުރާ ފަރާތުގެ ހާޒިރުގައި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހަޝިސް އޮއިލް އަށް ޕޮސިޓިވް ވެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެ އެވެ. އެތަކެތީގެ ބަރުދަނުގައި ޕެކިނާ އެކު ޖުމްލަ 1070 ގްރާމް ހުރި ކަމަށް ވެސް ކަސްޓަމްސުން ބުނެ އެވެ.


ކަސްޓަމްސް އާއި ފުލުހުން ގުޅިގެން ތަހްޤީޤްކުރަމުން އަންނަ އެ މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރ އޮފް ޕޮލީސް އަހުމަދު ސިޔާމް ވިދާޅުވީ އެ މައްސަލާއާ ގުޅިގެން މިހާތަނަށް ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ތަހުޤީޤް ކުރިއަށްދާތީ އެކަމާ ބެހޭ އިތުރު އެއްވެސް ތަފްސީލް އަދި ދެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ކަސްޓަމްސުން ވެސް ބުނީ ތަހްޤީޤް މަރުހަލާ ކުރިއަށްދާތީ އެކަމަށް ހުރަސްއެޅިދާނެތީ އިތުރު ތަފްސީލެއް އަދި ދެވެން ނެތް ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް އިތުރު ތަފްސީލް މީޑިއާއަށް ހާމަކުރާނެ ކަމަށް ވެސް ކަސްޓަމްސުން ބުނެ އެވެ.