28 Jan 2014, 10:56
ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ކޯލިޝަން ތެރެއިން އަދާލަތު ޕާޓީ އަށް ކުރިމަތިލުމުގެ ފުރުސަތު އަދި ލިބިފައި ނުވާ ކަމަށް އެ ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ސަން އަށް ދެއްވި އިންޓަވިއުގައި އިމްރާން މިއަދު ވިދާޅުވީ ސަރުކާރު ހިންގާ ކޯލިޝަން ޕާޓީތަކާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށާއި ނަމަވެސް އެކަމުގައި އަދި ގޮތެއް ނިމިފައިނުވާ ކަމަށެވެ.
ކޯލިޝަނުން އެކުވެގެން އަޅުގަނޑުމެން ޕާޓީގެ މެންބަރު ކުރިމަތިލުމަށް ވަކި ދާއިރާތަކެއް އަދި ކަނޑައެޅިފައެއްނުވޭ. އެ މަޝްވަރާތައް އެކަމަކު ކުރެވެމުންދަނީ،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ އަދާލަތު ޕާޓީން މަޖިލިސް އިންތިހާބުގައި ވަކި ދާއިރާތަކަކަށް ކުރިމަތިލާނެ ކަމަށާއި ނަމަވެސް ކުރިމަތިލާނެ ދާއިރާތަކުގެ އަދަދު ކަނޑައަޅާނީ ކޯލިޝަނާ އެކު ކުރެވޭ މަޝްވަރާތަކަށް ފަހު ކޯލިޝަނުން ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީގެ ކެންޑިޑޭޓުންނަށް ނުލިބިއްޖެ ނަމަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އަދާލަތު ޕާޓީގެ ކެންޑިޑޭޓުންނަށް ކޯލިޝަން ތެރެއިން ކުރިމަތިލުމުގެ ފުރުސަތު ނުލިބުނު ނަމަވެސް ޓިކެޓްގެ ބޭނުމުގައި އަދާލަތު ޕާޓީގެ މެންބަރަކު ޕާޓީ ދޫކޮށް ދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަދާލަތު ޕާޓީން ވެސް ކުރިމަތިލާނެ ވަކި ދާއިރާތަކަކަށް. އެހެން ނަމަވެސް ކުރިމަތިލާނެ ދާއިރާތަކާއި ކުރިމަތިލާނެ ދާއިރާތަކުގެ އަދަދު ކަނޑައަޅާނީ ކޯލިޝަނާ އެކު ކުރެވޭ މަޝްވަރާތަކަށް ފަހު އެ ފުރުސަތު ނުލިބިއްޖެ ނަމަ،" އިމްރާން ވިދާޅުވި އެވެ.
އަންނަ މާޗު މަހު 22ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ހިންގާ ކޯލިޝަން ޕާޓީތަކުގެ މެދުގައި ވަނީ ދާއިރާތައް ބަހައިފަ އެވެ. އެގޮތުން މަޖިލީހުގެ 85 ފަސް ދާއިރާ އަށް މިފަހަރު މެންބަރުން އިންތިހާބުކުރަން ޖެހޭ އިރު، ޕީޕީއެމްގެ ޓިކެޓުގައި 49 ދާއިރާއަކަށް ވާދަކުރެ އެވެ. ބާކީ 36 ދާއިރާ ވަނީ، ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެ މެދުގައި ބަހާލައިފަ އެވެ.
އަދާލަތު ޕާޓީ އަށް ކުރިމަތިލުމުގެ ފުރުސަތު ދިނުމާ ބެހޭ ގޮތުން ދަނީ އެ ކޯލިޝަން ތެރޭގައި މަޝްވަރާކުރަމުންނެވެ.