28 Jan 2014, 10:39
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާ އެކު ރަހުމަތްތެރި ކަމުގެ މެޗެއް ކުޅުމަށް ސީޝެލްސްގެ ގައުމީ ޓީމް އަންނަ އެޕްރީލް މަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
އެފްއޭއެމްގެ އިސް އޮފިޝަލަކު މިއަދު ބުނީ، ސީޝެލްސް އާކު ކުޅޭ ރަހުމަތްތެރި ކަމުގެ މެޗް އޮންނާނީ ގަލޮޅު ދަނޑުގައި ކަމަށާއި އެހެން ނަމަވެސް އަދި މެޗް ކުޅޭނެ ދުވަހެއް ވަރަށް އަވަހަށް ފައިނަލް ކުރާނެ ކަމަށެވެ. އަދި ސީޝެލްސް މެޗުގެ އިތުރުން އިންޑިއާގެ ގައުމީ ޓީމާ އެކު ވެސް ރަހުމަތްތެރި ކަމުގެ މެޗެއް ކުޅުމަށް ނިންމާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖޭގެ ގައުމީ ޓީމް، ސީޝެލްސް އާއި އިންޑިއާ އާ އެކު ރަހުމަތްތެރި ކަމުގެ މެޗްތަކެއް ކުޅުމަށް ނިންމާފައި މިވަނީ އަންނަ މޭމަހު ރާއްޖޭގައި ބާއްވާ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތައް ގައުމީ ޓީމް ތައްޔާރު ވުމުގެ ގޮތުން ކަމަށެވެ.
ޗެލެންޖް ކަޕަށް ތައްޔާރު ވުމަށް ގައުމީ ޓީމް ރަހުމަތްތެރި ކަމުގެ މެޗުތަކެއް ކުޅުމަށް ނިންމަމުން އަންނަ އިރު، އަދި ވެސް ގައުމީ ޓީމަށް ކޯޗަކު ހަމަޖެއްސިފައެއް ނުވެ އެވެ.
ރާއްޖޭގައި ޗެލެންޖް ކަޕް ބޭއްވުމަށް ޓަކައި މުބާރާތުގެ ގުރުލުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް މިހާރު ނިންމާފައި ވަނީ އަންނަ މަހުގެ 12 ވަނަ ދުވަހު ޕެރެޑައިސް އައިލެންޑް ރިސޯޓްގަ އެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 2015 ވަނަ އަހަރުގެ އޭޝިއަން ކަޕުން ފުރުސަތު ލިބޭ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރާނީ މިޔަންމާ، ކިރްގިސްތާން، އަފްގާނިސްތާން، ފަލަސްތީން، ޕިލިޕީންސް، އަދި ތުރްކުމަނިސްތާނުގެ އިތުރުން ބަނގްލްދޭޝް އެވެ.
ކުރިއަރަމުން އަންނަ ގައުމުތަކަށް އިސްކަން ދީގެން އޭއެފްސީ އިން ބާއްވާ މުބާރާތް އެންމެ ފުރަތަމަ 2006ގައި ބޭއްވީ ބަންގްލަދޭޝްގަ އެވެ. އޭގެ ފަހުން 2008ގައި އިންޑިއާގައި 2010 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި އިރު 2012 ވަނަ އަހަރު ބޭއްވީ ނޭޕާލުގަ އެވެ.