28 Jan 2014, 10:31
މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ދަޅަކާ އެކު ފުލުހުން މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ 60 އަހަރުގެ މީހެކެވެ. ނަމަވެސް އޭނާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކޮށްފައި ވަނީ، އޭނާ ދިރިއުޅޭގެ، މއ. ކޮކޮނަޓްހައުސް އިންނެވެ. އެ ގެ އަށް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.
ރޭގެ ވަގުތެއްގައި އެ ގެ އަށް ފުލުހުން ވަދެ އެގެ ބަލައި ފާސްކުރި އިރު އެގެ އިން ފިލްމް ހުސްކުރި ދަޅެއްގެ މެދާ ހަމައަށް ހުރި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވާ 60 އަހަރުގެ މީހަކީ މީގެ ކުރިން ވެސް މަސްތުވާތަކެތީގެ ގިނަ މައްސަލަތަކެއްގެ ރެކޯޑް މޯލްޑިވްސް ޕޮލިސް ސާވިސްގައި އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.