28 Jan 2014, 10:11
ބާސްކެޓްބޯޅަ އެސޯސިއޭޝަނަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ 17 ވަނަ ސަރުކާރު އޮފީސް ކުންފުނިތަކުގެ ބާސްކެޓްބޯޅަ މުބާރާތުގައި 13 ޓީމް ބައިވެރިވެއްޖެ އެވެ.
ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ބުނީ، މުބާރާތުގައި ބައިވެރިވި ޓީމްތަކުގެ ތެރޭގައި ހިމެނެނީ ފިރިހެން ޑިވިޒަންގެ 10 ޓީމާއި އަންހެން ޑިވިޒަންގެ ތިން ޓީމު ކަމަށެވެ. އަދި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހުން ފެށިގެ އެމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ބާސްކެޓް ބޯޅަ އެސޯސިއޭޝަނުން ބުންޏެވެ.
މިމުބާރާތުގައި ބައިވެރިވި ފިރެހެން ޑިވިޒަންގެ ޓީމްތަކަކީ އެންމެ ފަހުގެ ޗެމްޕިއަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އާއި އެމްޕީއެލް އާއި އެމްޓީސީ އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި އިމިގްރޭޝަން އާއި އެމްއެންޑީއެފް އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ޔޫތު މިންޓުރީ އާއި ދިރާގު އަދި ފޮރިން މިނިސްޓްރީ އެވެ.
މުބާރާތުގެ ފިރިހެން ޑިވިޒަންގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ ދެ ވަނަ ދުވަހު ހަވީރު 4:00 ޖަހާ އިރު ބައްދަލުކުރާ ދެ ޓީމަކީ އެމްޕީއެލް އާއި އެމްޓީސީސީ އެވެ. އަދި ދެ ވަނަ މެޗުގައި ހަމަ އެރޭ 8:30ގައި ބައްދަލުކުރާ ދެ ޓީމަކީ ޕޮލިސް އާއި އިމްގްރޭޝަން އެވެ.
މުބާރާތުގެ އަންހެން ޑިވިޒަނުގައި ވާދަކުރާ ތިން ޓީމަކީ ކަސްޓަމްސް އާއި އިމިގްރޭޝަން އަދި އެމްއެންޑީއެފް އެވެ.
މުބާރާތުގެ ފިރިހެން ޑިވިޒަންގެ މެޗްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ގްރޫޕަކަށް ބަހާލައިގެން ނެވެ. އެގޮތުން ކޮންމެ ގްރޫޕަކުން ދެ ޓީމު ދެވަނަ ބުރަށް ދަތުރު ކުރާއިރު ފައިނަލަށް ދަތުރު ކުރާނީ ގަދަ ހަތަރު ޓީމު ނޮކްއައުޓް އުސޫލުން ކުޅެ އެންމެ މޮޅު ދެ ޓީމެވެ. އަދި އަންހެންޑިވިޒަންގެ ފައިނަލަށް ދަތުރުކުރާނީ އެންމެ މޮޅު ދެ ޓީމެވެ.
މުބާރާތުގެ އަންހެން ޑިވިޒަންގެ ފުރަތަމަ މެޗްގައި އަންނަ މަހުގެ އަށް ވަނަ ދުވަހު ހަވީރު 4:00 ޖަހާއިރު ބައްދަލުކުރާ ދެޓީމަކީ އެމްއެންޑީއެފް އާއި ކަސްޓަމްސް އެވެ.
މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ކުޅިވަރު އެކުވެނީގެ އައުޓްޑޯ ބާސްކެޓް ކޯޓްގަ އެވެ.