28 Jan 2014, 09:57
އިނގިރޭސި ޕްރިމިއާ ލީގުގައި ކާޑިފް ސިޓީ އާއި ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މެޗުގައި ރޮބިން ވެންޕާސީ އާއި ވޭން ރޫނީ ފެންނާނެ ކަމުގެ އުންމީދު ބޮޑުކަމުގައި ޔުނައިޓެޑްގެ ކޯޗް ޑޭވިޑް މޮއެސް ބުނެފި އެވެ.
މިސީޒަންގައި ވެންޕާސީ އަށް ގިނަ އަނިޔާތަކަކާއި ކުރިމަތިލާން ޖެހުނެވެ. އެގޮތުން ފަލަމަސްގަނޑާއި ފައިގެ އިނގިއްޔަށާއި އުކުޅުވަޅަށް ލިބުނު އަނިޔާތަކާއި ގުޅިގެން ވެންޕާސީގެ މޮޅު ކުޅުން މިސީޒަނުގައި ފެނިފައެއް ނުވެ އެވެ. އެންމެ ފަހުން ވެންޕާސީ އަށް އަނިޔާވީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޝާހްތަރު ޑޮނެސްކް އާއި ދެކޮޅަށް ކުޅުނު މެޗުގަ އެވެ.
"ރޫނީ އާއި ވެން ޕާސީގެ ޕާޓްނަޝިޕް ޔުނައިޓެޑަށް ވަރަށް މުހިންމު. ކާޑިފް އާއި ދެކޮޅަށް ކުޅޭ މެޗުގައި މިދެކުޅުންތެރިން ފެނުމުގެ އުންމީދު ބޮޑު." މޮއެސް ބުންޏެވެ. "ވެންޕާސީ އަދި ރޫނީ ވެސް މިހާރު ހުރީ ފިޓްކޮށް."
ޕްރިމިއާ ލީގުގައި ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކާޑިފް އާއި ދެކޮޅަށް ނުކުންނާނީ މިރޭ ރާއްޖޭ ގަޑިން 12:45ގަ އެވެ.
މިރޭގެ މެޗަށް ނުކުންނައިރު، ޔުނައިޓެޑް އޮތީ ލީގުގެ ހަތްވަނައިގަ އެވެ. އަދި ކާޑިފް އަކީ ލީގުގެ އެންމެ ފުލުގައި އޮތް ޓީމެވެ.