ޖުމްހޫރީ ޕާޓީ އިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ކޯލިޝަނުން ދީފައިވާ 28 ދާއިރާގެ ތެރެއިން 19 ދާއިރާއަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީ އިން ހުޅުވާލައިފި އެވެ.

އެ 19 ދާއިރާ އަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 4.00 އާ ހަމައަށެވެ.

ކުރިމަތިލުމަށް ހުޅުވާލާފައިވާ ދާއިރާތަކަކީ ހެންވޭރު އުތުރު ދާއިރާ އާއި މާފަންނު އުތުރު ދާއިރާ އާއި އިހަވަންދޫ ދާއިރާގެ އިތުރުން ވައިކަރަދޫ ދާއިރާ އާއި ހަނިމާދު ދާއިރާ އެވެ. މީގެ އިތުރުން ނޮޅިވަރަމް ދާއިރާ އާއި ކުޅުދުއްފުށި އުތުރު ދާއިރާ އާއި މަކުނުދޫ ދާއިރާ އާއި މިލަންދޫ ދާއިރާގެ އިތުރުން ކޮމަންޑޫ ދާއިރާއާއި ކެންދޫ ދާއިރާ އަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. ހަމަ އެހެންމެ ކާށިދޫ ދާއިރާ އާއި މަހިބަދޫ ދާއިރާ އާއި ތޮއްޑޫ ދާއިރާ އާއި ކެޔޮދޫ ދާއިރާ އާއި ބިލެއްދޫ ދާއިރާގެ އިތުރުން ކިނބިދޫ ދާއިރާގެ އިތުރުން ތިނަދޫ ދެކުނު ދާއިރާ އާއި ސ. މީދޫ ދާއިރާ އަށް ކުރިމަތިލުމަށް ހުޅުވާލާފައިވެ އެވެ.

ޖުމްހޫރީ ޕާޓީ އަށް ކޯލިޝަންގެ ތެރެއިން ފުރުސަތު ދީފައިވާ 28 ދާއިރާގެ ތެރެއިން 19 ދާއިރާއަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު ބާކީ ނުވަ ދާއިރާ އަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލަނީ ކޮން ގޮތަކަށް ކަމެއް އަދި ސާފެއް ނުވެ އެވެ.