އިނގިރޭސި ޕްރިމިއާ ލީގުގެ ހަތް ވަނާގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑް އޮތް ނަމަވެސް، ލީގު ހޯދިދާނެ ކަމަށް އެކްލަބާއި އަލަށް ގުޅުނު ސްޕެއިން މިޑްފީލްޑަރު ހުއާން މަޓާ ބުނެފި އެވެ.

ޗެލްސީ އަށް ކުޅުމަށް ފަހު، މިދިޔަ ހޮނިހިރު ދުވަހު 37.1 މިލިޔަން ޕައުންޑަށް ޔުނައިޓެޑާއި ގުޅުނު މަޓާ އެކްލަބުން ވަނީ އިއްޔެ ރަސްމީކޮށް ޔުނައިޓެޑްގެ ކުޅުންތެރިއަކަށް ވެފަ އެވެ. ޔުނައިޓެޑްގެ ތަފާތަކީ އެޓީމުން ގެންގުޅޭ ތަފާތު ގޮތްތައް ކަމުގައި މަޓާ ގަބޫލުކުރެ އެވެ.

"ހަގީގަތަށް ބުނަންޏާ، އަހަރެން މެންޗެސްޓާ ޔުނައިޓެޑާ މެދު ހިތްހަމަ ޖެހެނީ މިކްލަބުން ގެންގުޅޭ ތަފާތު ގޮތްތަކުގެ ސަބަބުން. އެހްނ ކްލަބުތަކަށް އެހާ ދަށުގައި އޮއްވާ އެއްވަނައަށް އެރުމަކީ އުނދަގޫ ކަމަކަށް ވެދާނެ. ނަމަވެސް މިކްލަބަށް އެކަން ވެދާނެ. މިކްލަބަކީ މޮޅުވާން މަސައްކަތްކުރާ ޓީމެއް. އަދި ލީގު ކާމިޔާބުކުރުމަށް މަސައްކަތްކުރާ ޓީމެއް." މަޓާ ބުންޏެވެ.

ޗެލްސީގައި ހޭދަކުރި ފަހު ހަ މަސް ދުވަހަކީ ކެރިޔަރުގެ އެންމެ އުނދަގޫ ދުވަސްތައް ކަމުގައި މަޓާ ބުނެފައިވެ އެވެ.
"އެންމެ ފަހު ހަ މަސް ދުވަހުގެ ތެރޭގައި އަހަރެން ބޭނުންވި ވަރަކަށް ކުޅެން ފުރުސަތެއް ނުލިބުނު. ނަމަވެސް އަހަރެން ކޯޗް ހޯސޭ މޮރީނިއޯ އަށް އިހްތިރާމް ކުރަން. އެއީ މޮޅު ކޯޗެއް. އަދި ކުޅުންތެރިންނަށް ވެސް އިހްތިރާމްކުރަން. މެޗުތަކުގައި އާއި ޓްރެއިނިންގްގައި އަހަރެންނަށް ކުރެވެން ހުރި އެންމެ ރަނގަޅަށް މަސައްކަތްކުރެވޭތޯ ބެލިން." މަޓާ ބުންޏެވެ.