ޖެނީވާ (ޖަނަވަރީ 28): ސޫރިޔާ ސަރުކާރާއި އިދިކޮޅު އިއްތިޙާދާ ދެމެދު ސްވިޓްޒަލޭންޑްގައި މިހާރު ކުރިޔަށްދާ ސުލްހައިގެ ވާހަކަތަކުގައި އެގައުމުގެ ދާޚިލީ ހަނގުރާމައިގެ ޙަމަލާތައް ހުއްޓާލުމަށް އެ ދެ ފަރާތުން ވެސް ދެކޮޅުހަދައިފި ކަމަށް މިވާހަކަތަކުގެ މެދުވެރިއެއްގެބައި އަދާކުރައްވާ ބައިނަލްއަޤްވާމީ މަންދޫބު އަލްއަޚްޟަރުލް އިބްރާހީމީ ވިދާޅުވެއްޖެ އެވެ.

އަލްއިބްރާހީމީ ވިދާޅުވީ ސޫރިޔާ ސަރުކާރާއި އެގައުމުގެ އިދިކޮޅު އިއްތިޙާދާ ދެމެދު ޖެނީވާގައި ކުރިޔަށްދާ ވާހަކަތަކުގައި ޙަމަލާތައް ހުއްޓާލުމަށް ހުށަހެޅުމުން އެދެފަރާތުން ވެސް އެކަމަށް އިންކާރުކޮށްފައިވާ ކަމުގަ އެވެ. ސޫރިޔާގެ މައްސަލަ ޙައްލުކުރުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ޙަމަލާތައް ބަދަލުކުރުން ހުއްޓާލުމާއި ވެރިކަމުގެ އިންތިގާލީ މަރްޙަލާއެއް ސޫރިޔާއަށް ގެނައުމުގެ ޕްލޭނެއް އދ. އިން ހުށަހަޅާފައިވެ އެވެ. މީގެ އިތުރުން ސޫރިޔާގެ ވެރިކަމަށް އިންތިގާލީ މަރްޙަލާއެއް ގެނަސް އެމަރްހަލާއިން ރައީސް ބައްޝާރުލްއަސަދު އެއްފަރާތް ކުރުމުގެ ޕްލޭނެއް ވެސް ވަނީ ހުށަހަޅާފަ އެވެ.
މީގެތެރެއިން ދެވަނަ ޕްލޭނަށް އިދިކޮޅު އިއްތިޙާދުން ތާއީދުކުރި ނަމަވެސް ސޫރިޔާ ސަރުކާރުގެ ވަފްދުންވަނީ ފެށުނީއްސުރެ މިޕްލޭނާ ދެކޮޅު ހަދާފަ އެވެ. ސޫރިޔާ ސަރުކާރާއި އިދިކޮޅު އިއްތިޙާދާ ދެމެދު ސްވިޓްޒަލޭންޑްގައި މިހާރު ކުރިޔަށްދާ ސުލްހައިގެ ވާހަކަތަކުގައި ކިރިޔާ ވެސް ކުރިއެރުމެއް ލިބިފައި ވަނީ ހަނގުރާމައިގެ ސަބަބުން ޙާލުގައިޖެހިފައިވާ މީހުން އެންމެ ގިނަ ސަރަހައްދު ކަމަށްވާޙިމްސް ސިޓީ އަށް ކާބޯތަކެއްޗާއި ބޭހާއި އެނޫން ވެސް އިންސާނީ އެހީގެ ބާވަތްތައް ވެއްދުމުގެ ފުރްސަތު ދިނުމުގެ މައްސަލާގަ އެވެ. ޙިމްސް ސިޓީއަކީ އިދިކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލްގައިވާ ސަރަހައްދެކެވެ.

ހިމްސް ސިޓީއަށް އިންސާނީ އެހީގެ ބާވަތްތައް ފޯރުކުރުމުގެ ފުރްސަތު ދިނުމަށާއި އެރަށުގައި ހިސާރުވެފައިވާ ފަރާތްތަކަށް އެރަށުން ނުކުތުމުގެ ފުރްސަތު ދިނުމަށް ދެފަރާތުން އެއްބަސްވެފައިވާ އިރު މިހާރު ގެންދަނީ މިކަން ތަންފީޒު ކުރުމުގެ އެގްރިމެންޓް އެކުލަވާލުމުގެ މަސައްކަތް ކަމަށް އަލްއަޚްޟަރުލްއިބްރާހީމީ ވަނީ ވިދާޅުވެފަ އެވެ. (އަލްޖަޒީރާ)