28 Jan 2014, 09:25
ގާހިރާ (ޖަނަވަރީ 28): މިސްރުގެ ވަގުތީ ސަރުކާރުގެ ދިފާޢީ ވަޒީރު ޖެނެރަލް އަބްދުލްފައްތާޙް އައްސީސީ މިސްރުގެ ރިޔާސަތަށް ކުރިމަތިލެއްވުމަށް ތާއީދުކޮށް އެގައުމުގެ ސިފައިންގެ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުން ބަޔާނެއް ނެރެފި އެވެ.
މިބަޔާނުގައި، މިސްރުގެ ރިޔާސަތަށް ޖެނެރަލް ސީސީ ކުރިމަތިލެއްވުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށް ބުނެ މިއެދުމަށް ސިފައިންގެ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުން ތާއީދުކުރާކަން ހާމަކޮށްފައިވެ އެވެ. މިސްރުގެ އައު ގާނޫނު އަސާސީ ބުނާ ގޮތުން ދިފާއީ ވަޒީރަކަށް ހުންނަވާ ބޭފުޅަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނީ ސިފައިންގެ ލަޝްކަރުތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރުހުން ލިބި މިރުހުން މިސްރުގެ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުންނެވެ.
ގާހިރާއިން ލިބޭ ޚަބަރުތައް ބުނާ ގޮތުން ޖެނެރަލް ސީސީ މިސްރުގެ ރިޔާސަތަށް ކުރިމަތިލައްވަން ގަސްދުކުރައްވާފައި ވަނީ މިސްރުގެ ވަގުތީ ރައީސަކަށް ހުންނެވި އަދްލީ މަންސޫރުގެ ވެސް ތާއީދާއެކުގަ އެވެ. އެހެންކަމުން ޖެނެރަލް ސީސީ ރިޔާސަތަށް ނެރުމަށް ތާއީދުކޮށް ސިފައިންގެ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުން އިއްޔެ ނިންމި ނިންމުން ވަގުތީ ރައީސް އަދްލީ މަންސޫރު ވަރަށް އަވަހަށް ތަސްދީގު ކުރައްވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ޖެނެރަލް ސިސީވަނީ މިސްރުގެ ރިޔާސަތަށް ކުރިމަތިލައްވަން ތައްޔާރަށް ހުންނެވިކަމުގެ އިޝާރާތްތައް ކުރިން ދެއްވާފަ އެވެ. ޖެނެރަލް ސީސީ މިސްރުގެ ރިޔާސަތަށް ނެރުމުގެ މައްސަލަ މިސްރުގެ ރައީސް ތަސްދީގުކުރައްވާ ނަމަ ދިފާޢީ ވަޒީރަކަށް އައު ބޭފުޅަކު ހަމަޖައްސަންޖެހޭނެ އެވެ. މިމަގާމަށް، މިސްރު ސިފައިންގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި މިހާރު ހުންނެވި ޖެނެރަލް ސިދްގީ ސުބްހީ ހަމަޖެއްސުމާބެހޭ ގޮތުން ޖެނެރަލް ސީސީ އާއި ވަގުތީ ރައީސް އަދްލީ މަންސޫރާ މަޝްވަރާތައް ކުރައްވަމުން ގެންދަވާ ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޖެނެރަލް ސީސީ މިސްރުގެ ރިޔާސަތަށް ނެރުމަކީ މިސްރުގެ ވެރިކަމުގައި މިހާރު ތިއްބެވި އިންގިލާބީ ލީޑަރުންގެ ވަރަށް ބޮޑު މަގްސަދެކެވެ. މިކަމުގެ ބޭނުމަކީ މަގާމުން ދުރުކޮށްފައިވާ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީ އަށް ވެރިކަމަށް ވަޑައިގެންނެވުމުގެ އެއްވެސް ފުރްސަތެއް ނުދިނުމާއި މުރުސީ ނިސްބަތްވެ ވަޑައިގަންނަވާ އިޚްވާނުލްމުސްލިމޫން ޖަމާއަތް ބަލިކަށިކޮށް މިސްރުގެ ސިޔާސީ މަސްރަޙުން އެޖަމާއަތް އެއްފަރާތްކޮށްލުން ކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ.
މީގެ އިތުރުން މުރުސީ ވެރިކަމުން ދުރުކުރި ޣައިރުގާނޫނީ އަމަލާއި އިޚްވާންޖަމާއަތުގެ ސަޕޯޓަރުންނާ ދެކޮޅަށް މިސްރުގެ އިންގިލާބީވެރިން އިސްކޮށް ތިއްބަވައިގެން ގާހިރާގެ ނަހްޒާ މައިދާނާއި ރާބިޢާއަލްއަދަވިއްޔާ މައިދާނުގައި މިދިޔަ ޖުލައި މަހު ހިންގާފައިވާ މީހުންމެރުމާއި އިންސާނިއްޔަތާ ޚިލާފު ގަތްލުއާންމުގެ މައްސަލަތައް އޮއްބާލުމަކީ ވެސް ޖެނެރަލް ސީސީ ވެރިކަމަށް ގެނައުމުގައި މިސްރުގެ އިންގިލާބީންގެ މަގްސަދެއްކަމަށްވަނީ ބެލެވިފަ އެވެ. ގާހިރާގެ ނަހްޒާ މައިދާނާއި ރާބިޢާއަލްއަދަވިއްޔާ މައިދާނުގައި މުރުސީ އަށް ތާއީދުކޮށް މުޒާހަރާތައްކުރި ފަރާތްތަކާ ދެކޮޅަށް ހިންގި މިގަތްލުއާންމުގައި 800 އަށްވުރެ ގިނަމީހުން މަރާލާފައިވެ އެވެ. (އަލްޖަޒީރާ)