27 Jan 2014, 22:47
ސައިބާ ސެކިއުރިޓީ އާއި މެދު ދިވެހިން ހޭލުންތެރިކުރުވުމަށް "އީހެކް އެޓް މޯލްޑިވްސް"ގެ ނަމުގައި ހާއްސަ ސެޝަންއެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވައިފި އެވެ.
ރާއްޖޭގައި ސައިބާ ސެކިއުރިޓީ އާއި މެދު ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާ، ސައިބާ ސެކިއުރިޓީ މޯލްޑިވްސް އިން ބުނީ "އީހެކް އެޓް މޯލްޑިވްސް" ގެ ނަމުގައި މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ އެސެޝަންއަކީ ސެކިއުރިޓީ އާއި ގުޅުންހުރި މައްސަލަތަކާއި މެދު ދިވެހިން ހޭލުންތެރިކުރުވުމަށް ބޭއްވި އެއް ދުވަހުގެ ސެޝަން އެއް ކަމަށެވެ.
"އެ ސެޝަންގައި ހެކަރުންގެ ފަރާތުން އަންނަ ހަމަލާތަކާއި އެ ހަމަލާތަކުން ސަލާމަތްވާނެ ގޮތްތައް ބައިވެރިންނަށް ކިޔައިދެވުނު،" ސައިބާ ސެކިއުރިޓީ މޯލްޑިވްސްއިން ބުންޏެވެ.
އެ ޖަމިއްޔާއިން ބުނީ ސައިބާ ސެކިއުރިޓީ ސާވިސް ދެމުން އަންނަ އިންޑިއާގެ މަޝްހޫރު ޖަމިއްޔާއެއް ކަމަށްވާ "އިންފީސެކް" ގެ ތިން ތަޖުރިބާކާރުން ގެނެސްގެން ކުރިއަށްގެންދިޔަ އެ ސެޝަންގައި 130 މީހުން ބައިވެރިވި ކަމަށެވެ.
ސައިބާ ސެކިއުރިޓީ މޯލްޑިވްސްއިން ބުނިގޮތުގައި ފުރަތަމަ ސެޝަންއަށް ލިބުނު ތަރުހީބަށް ބަލާ ހަ މަސް ތެރޭގައި އެ ޖަމިއްޔާއާއި އެމްއޯޔޫ ހަދާފައި ހުރި އެހެން ތަޖުރިބާ ކާރު ޖަމިއްޔާތަކާއި ގުޅިގެން އިންޓަނޭޝަނަލް ސެޓްފިކެޓެއް ލިބޭ ގޮތަށް ޓްރެއިނިން ސެޝައެއް ބޭއްވުމަށް އެ ޖަމިއްޔާއިން ދަނީ މަސައްކަތްކުރަމުންނެވެ.
ސައިބާ ސެކިއުރިޓީ މޯލްޑިވްސް އަކީ އެކޮނޮމިކް މިނިސްޓަރީގައި މިދިޔަ އަހަރު ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ޖަމިއްޔާއެ ކެވެ.