27 Jan 2014, 21:38
ޕެރިސްގެ އަލިއޯންސް ފްއޮންސޭޒް އިން އިސްނަގައިގެން "ޕްލެއިން އޮން އާތު" ގެ ނަމުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށްގެންދިޔަ ފޮޓޯގްރަފީ ކޮމްޕެޓިޝަން ނިންމާލައިފި އެވެ.
މިމަހު ދޭކުން 25އަށް ކުރިޔައްގެންދިޔަ އެ ފޮޓޯގްރަފީ މުބާރާތް ނިންމާލައި ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކުރުން އޮތީ މިއަދު ހަވީރު "ޖޭޒް ކެފޭ"ގައި ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ.
އެ ހަފްލާގައި ވަނީ ފޮޓޯ މުބާރާތުގެ ބައިވެރިންގެ ތެރެއިން އެންމެ މޮޅު ތިން ބައިވެރިންގެ ނަން އިއުލާން ކޮއްފަ އެވެ. އެގޮތުން މުބާރާތުގެ ބައިވެރިންގެ ތެރެއިން އެއްވަނައަށް ހޮވިފައިވަނީ އާޒިމް މުސްތާގު އެވެ.
ޕްލެއިން އޮން އާތު ފޮޓޯ ކޮމްޕެޓިޝަންގެ ޑިރެކްޓަރު ވިދާޅުވީ އެފަދަ އިވެންޓެއް ކުރިޔައް ގެންދިޔުމުގެ ބޭނުމަކީ ފޮޓޯގްރާފަރުން އެމީހުންގެ ހުނަރު އާންމުންނަށް ދައްކައިލުން ކަމަށާއި އެމީހުން ކުރިޔަށް ދިޔުމަށް އިތުރު ފުރުސަތު ހޯދައިދިނުން ކަމުގައެވެ. އެގޮތުން މިއަންނަ އަހަރުވެސް މިފަދަ ކޮމްޕެޓިޝަނެއް މިއައްވުރެ ކުލަގަދަކޮށް ކުރިޔަށް ގެންދަން ރާވާފައިވާކަމަށް ޑިރެކްޓަރު ވިދާޅުވިއެވެ.
އެ ފޮޓޯ ކޮމްޕެޓިޝަންގައި ބައިވެރިވެފައިވާ ބައިވެރިން ނަގާފައިވާ ފޮޓޯތަށް ދައްކާލުމަށްޓަކައި މިއަދުން ފެށިގެން ފެބްރުއަރީ ހަތަރުވަނަ ދުވަހަށް ޖޭޒް ކެފޭގައި ބެހެއްޓިފައި ހުންނާނެ އެވެ.