މާފަންނުގައި މިރޭ ޒުވާނަކާއި ކުޑަ ކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދެމީހަކަށް ތޫނުއެއްޗެކުން ހަމަލާދީފައި ވަނީ، ދެ ސައިކަލެއްގައި އުޅުނު ބަޔަކު ކަމަށެވެ. އެގޮތުން ފުރަތަމަ މީހާއަށް ހަމަލާ ދީފައިވަނީ މ. ޔާގޫތުގޭ ކައިރިން ކަމަށާއި އެ ހަމަލާގައި ޒަހަމްވެފައިވަނީ 18 އަހަރުގެ ޒުވާން ފިރިހެނެއް ކަމަށެވެ. އަދި ދެވަނައަށް ހަމަލާދީފައިވަނީ، އޭސް އާޑްވެއާ ކައިރިން ކަމަށާއި އެ ހަމަލާގައި ޒަހަމްކޮށްލާފައިވަނީ 17 އަހަރުގެ ކުޑަކުއްޖަކު ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ތޫނު އެއްޗަކުން ހަމަލާދީ ކުޑަކުއްޖާއާއި ޒުވާނަކު ޒަހަމް ކޮށްލައިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 8:00ގައި ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މާފަންނު ބޮނޑިބަތް ޕާކު ފުރަގަހުގައި ހުންނަ އޭސްހާޑްވެއާ ކައިރިން ޒަހަމްކޮށްލި ކުޑަކުއްޖާގެ ބުރަކަށްޓަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު އޭގެ ތެރެއިން އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫންކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އަދި މިހާރު އެ ދެމީހުން ވަނީ ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައި ކަމަށާއި އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މާފަންނުގައި މިރޭ ދެމީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާއިރު މިއަދު ހަވީރު ބޮޑުތަކުރުފާނުމަގު، "މޭރީބްރައުން" ކައިރީގައި ހިންގި މާރާމާރީއެއްގައި އުމުރުން 18 އަހަރުގެ ފިރިހެން ކުއްޖަކަށް ވެސް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފަ އެވެ. އެގޮތުން އެ ޒުވާނާގެ އަރިކައްޓަށާއި ކަނައަތަށް ވަނީ ވަޅި ހަރައި ޒަހަމްކޮށްލާފަ އެވެ.