ކުޑަކުއްޖެއްގެ ލަދުވެތި ގުނަވަނެއްގައި ހިފި މީހަކު ހދ. ނޮޅިވަރަމުން ހައްޔަރުކޮށްފި އެވެ.

ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ހދ. ނޮޅިވަރަމް ދަނބުމާވިލާ ފާރޫގު މުހައްމަދު،20، އެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައި އެރަށު މަގަކުން ހިނގާފައި ދިޔަ 17 އަހަރުގެ އަންހެން ކުއްޖެއްގެ ލަދުވެތި ގުނަވަނެއްގައި ހިފި މައްސަލައަކާ ގުޅިގެން ފުލުހުން ފާރޫގު ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހަވީރު 3:40 އެހައިކަންހާއިރު އެވެ.

ލަދުވެތި ގުނަވަނުގައި ހިފުމުން ލިބުނު އަނިޔާތަކަށް އެ އަންހެންކުއްޖާ ވަނީ އެރަށު ސިއްހީ މަރުކަޒުން ފަރުވާ ވެސް ހޯދާފަ އެވެ.

ފާރޫގުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފަ އެވެ.

ފުލުހުން ބުނީ ކުޅުދުއްފުށީ ޕޮލިސްޓޭޝަނުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގައި ބުނެފައި ވަނީ ޖިންސީ ނިޔަތެއް އޮވެ މީހަކު ކުޑަކުއްޖެއްގެ ޖިންސީ އެއްވެސް ގުނަވަނެއްގައި އަތްލައިފިނަމަ އެއީ ކުށެއް ކަމަށެވެ.

އެފަދަ ކުށެއް ޝަރީއަތަށް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވެސް އެ މާއްދާގައި ވަނީ ބުނެފަ އެވެ.