މާލޭގެ ހުރިހާ ވޯކްޝޮޕްތަކާ ގަރާޖުތައް ތައިސޭ ކޮއްޓަށް ބަދަލު ކުރުމަށް މާލޭ ސިޓީ ކައުންސިލުން ފަށައިފައިވާ މަސައްކަތުގައި އެއްވެސް ފަރާތަކުން ބައިވެރި ނުވުމަށް ހައުސިން މިނިސްޓްރީން އަންގައިފި އެވެ.

ސިޓީ ކައުންސިލުން ތައިސޭ ކޮށީގައި ގަރާޖާއި ވޯކްޝޮޕް ފަދަ ތަންތަން ހެދުމަށް 48 ޖާގަ ދޫކުރުމަށް ނިންމައިފަ އެވެ. އަދި އެ ކަމަށް އެދި 80 ފަރާތަކުން ހުށަހަޅާފައިވާ އިރު އެ ކައުންސިލުން ވަނީ އެފަރާތްތަކާ ބައްދަލު ވެސް ކޮށްފަ އެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، ތައިސޭ ކޮށީގެ ބިމުގައި ހުރި ތަންތަން އެކި ފަރާތްތަކަށް ދޫކުރުމަށް މާލޭ ސިޓީ ކައުންސިލުން ކުރަމުން ގެންދާ މަސައްކަތްތައް، އެ މިނިސްޓްރީން ވަކި އެއްޗެއް އަންގަންދެން ހުއްޓައިލުމަށް މިދިޔަ މަހުގެ 22ގައި ސިޓީ ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ.

އަދި އެގޮތަށް މިނިސްޓްރީން "އަންގާފައި ވަނިކޮށް އެސްވެސް ފަރާތަކުން މިއިން ބިމަކާއި ބެހޭ އެއްވެސް މުއާމަލާތެއްގައިކޮށް އެ ފަރާތްތަކަށް ލިބިދާނެ މާލީ ގެއްލުމަކުން ނުވަތަ ދައްޗަކަށް" އެ މިނިސްޓްރީން ޒިންމާ ނުވާނެ ވާހަކަ ވެސް އިއުލާނުގައިވެ އެވެ.

ހައުސިން މިނިސްޓްރީން އިތުރަށް ބުނެފައި ވަނީ، ގާނޫނާއި ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން ދިވެހި ދައުލަތުގެ ބިން ބޭނުން ކުރުމަށް ސަމާލުވުމަށް އެ މިނިސްޓްރީން އެޕްރީން 23، 2012، ގައި އިއުލާނެއް އާންމު ކޮށްފައިވާތީ އެކަމަށް ސަމާލުވުމަށް ހުރިހާ ފަރާތްތަކަށް ވެސް އިލްތިމާސް ކުރާ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އިބްރާހީމް ޝުޖާއު މީގެ ކުރިން "ސަން" އަށް ވިދާޅުވެފައި ވަނީ، ތައިސޭ ކޮށިން ދޫކުރުމަށް ހަމަޖައްސާފައި ވަނީ 600 އަކަފޫޓުގެ ތަންތަން ކަމުގައިވާއިރު މިފަހަރު ތައިސޭއިން ޖާގަ ނުލިބޭ ފަރާތްތަކަށް ހުޅަނގު ހާބަރު ސަރަހައްދު ތަރައްގީ ކުރުމުން ހަމަ އެވަރުގެ ތަންތަން ލިބޭނެ އެވެ.