ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަހްމަދު ތަސްމީން އަލީގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބުދަ ދުވަހަށް ތާވަލްކޮށްފި އެވެ.

ސުޕްރީމް ކޯޓުން ބުނީ ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) ހުށަހެޅުއްވި އެ މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ މަޖިލީސް އަންނަ ބުދަ ދުވަހު ބާއްވާން ތާވަލްކޮށްފައިވާކަމަށެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން މައްސަލަ ހުށަހެޅުއްވި ވައްޑޭ ވިދާޅުވީ އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ދަރަނި އަދާކޮށްފައި ނުވާތީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ)ގެ އެއްވަނަ ނަންބަރާ ހަވާލާދީ ގާނޫނު އަސާސީގެ 74 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

ވައްޑޭ ވިދާޅުވީ 2011 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ސިވިލް ކޯޓުން ތަސްމީންގެ މައްޗަށް ކުރި ހުކުމްގައި ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އަހްމަދު ނާޒިމްގެ އަތުން ތަސްމީން ނެންގެވި ފައިސާގެ ތެރެއިން 1.9 މިލިއަން ރުފިޔާ ދައްކަވާފައި ނުވާތީ ހަ މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު ވެސް މަދުވެގެން އެ މަހަކަށް ޖެހޭ ވަރު ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ހުކުމް ކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މަހަކަށް ޖެހޭވަރު ނުދައްކާ ހިސާބުން ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ)ގެ އެއްވަނަ ނަންބަރުގައި ބުނެފައިވާ ގޮތަށް ތަސްމީނަކީ ދަރަނި އަދާކުރަމުން ނުދާ މީހެއް ކަމަށެވެ. އެހެންކަމުން ހަ މަސް ފާއިތުވެ އެތަކެއް ދުވަސް ވޭތުވެ ދިޔަ ފަހުން ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއް ނާޒިމް ސިވިލް ކޯޓަށް ހުށަހެޅުއްވި ހިސާބުން އަދަބެއް އައުމުގެ ކުރިން ފައިސާ ދެއްކެވުމަކީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ)ގައި ބުނާ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ހާލަތުގައި ދެމިހުރުމަށް ފަހު އަލުން އިހު ހުރި މެމްބަރުކަމަށް އިންތިޚާބަކާ ނުލައި ރުޖޫއަކުރެވޭނެ ހާލަތެއް ނޫންކަން ދުސްތޫރީގޮތުން އެނގެން އޮންނަ ކަމަށެވެ.

ވައްޑޭ ވިދާޅުވީ އެންމެ ރަނގަޅުގޮތަކީ ގޮނޑި ގެއްލިއްޖެކަމަށް އަމިއްލަފުޅަށް ގަބޫލުކުރައްވައި މަޖިލީހުގެ މެމްބަރުކަމުން ތަސްމީން ދުރަށްވަޑައިގަތުން ކަމަށެވެ.

ކޯޓު ހުކުމާ އެއްގޮތަށް ތަސްމީން ދަރަނި ހަލާސް ނުކުރާ ކަމަށް ބުނެ، ކެންދޫ ދާއިރާގެ މަޖިލީހުގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅައިދޭން ކުރީގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވެސް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އެވެ. ނަމަވެސް ފައިސާ ދައްކަން ކުރި ހުކުމް އިސްތިއުނާފު ކުރުމަށް ތަސްމީން ހުށަހަޅުއްވާފައި ވާތީ މުސްތަފާ ހުށަހެޅުއްވި މައްސަލަ އޭރު ސުޕްރީމް ކޯޓުން ބޭރުކޮށްލީ އެވެ.