27 Jan 2014, 17:57
ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން "ޕެރޯލް ބޯޑު" ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް މިއަދު އެކުލަވާލައްވައިފި އެވެ.
ތަފާތު ދާއިރާތަކަށް ނިސްބަތްވާ ޖުމުލަ އަށް ބޭފުޅަކު މިބޯޑުގައި ހިމަނުއްވާފައިވާއިރު، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ވަޒީފާ އަދާކުރާ، ސިވިލް ސާވިސްގެ އިސް މުވައްޒަފެއްގެ ގޮތުގައި ބޯޑަށް އަންޔަން ކޮށްފައިވަނީ އެމިނިސްޓްރީގެ އެޑިޔުކޭޝަނަލް ސުޕަވައިޒަރު މ. މިސުރުގަނދަކޯޅިގޭ ފައުޒިއްޔާ ޢަލީ އެވެ. މިނިސްޓްރީ އޮފް ހެލްތު އެންޑް ޖެންޑާ ގައި ވަޒީފާ އަދާކުރާ، ސިވިލް ސާވިސްގެ އިސް މުވައްޒަފެއްގެ ގޮތުގައި ހަމައްޖައްސަވާފައި އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް، ލ. މާބައިދޫ އާސިރުވާދު، މުޙައްމަދު ރަޝީދު އާއި ޑިރެކްޓާ ޖެނެރަލް މ. ނިޔަނދުރުމާގޭ އަލްއުސްތާޛާ ޚަދީޖާ ޝަބީން އެވެ.
އެޓަރނީ ޖެނެރަލްގެ އޮފީހުގައި ވަޒީފާ އަދާކުރާ ޤާނޫނީ ވަކީލެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ މ.ވިންދު، މުޙައްމަދު ޝާހު އެވެ. ޤާނޫނުގެ މަޤްޞަދުގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅުންހުރި ދާއިރާގެ ތެރޭގައި ހަރަކާތްތެރިވަމުންދާ ޖަމްޢިއްޔާ ޖަމާޢަތްތަކުން ކަނޑައަޅާ މެންބަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އިރަމާ ޔޫތު އެސޯސިއޭޝަން އެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސް އޮފިސަރެއްގެ ގޮތުގައި ބޯޑަށް ހަމަޖައްސަވާފައި ވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ އަޙްމަދު، ދަފްތަރު ނަންބަރު އާރުއެސް 8458 އެވެ.
ޕެރޯލް ބޯޑަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ކަނޑައަޅާ ދީނީ ޢިލްމުވެރިންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ޢިލްމުވެރިއެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ ބ.އޭދަފުށީ ހަލަވެލި، ޑރ. އަޙްމަދު ޒިޔާދު އެވެ. އެ ބޯޑަށް މެޑިކަލް ޑޮކްޓަރެއްގެ ގޮތުގައި ސ. ހިތަދޫ ސީސަންމާގޭ ޑރ. މުޙައްމަދު ޙަބީބު ހަމަޖައްސަވާފައިވާއިރު ނަފްސާނީ ފަރުވާދޭ މީހެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ، ހ. ސްކައިލާކް، ޑރ. ޝަނޫހާ މަންޞޫރު އެވެ.