ޖެނީވާ (ޖަނަވަރީ 27): ސްވިޓްޒަލޭންޑްގައި ކުރިޔަށްދާ ސޫރިޔާގެ ސުލްހައިގެ ވާހަކަތަކުގައި އެގައުމުގެ ޙިމްސް އަށް އިންސާނީ އެހީ ފޯރުކޯށްދިނުމުގެ ފުރްސަތު ދިނުމުގެ އެއްބަސްވުމެއްގައި އެގައުމުގެ ސަރުކާރުގެ ވަފްދާއި އިދިކޮޅު އިއްތިޙާދުގެ ވަފްދުން ސޮއިކުރަން ތައްޔާރުވަމުންދާކަމަށް ޚަބަރުލިބިއްޖެ އެވެ.

މިވާހަކަތަކުގައި ސޫރިޔާ ސަރުކާރުގެ ވަފްދާއި އިދިކޮޅު އިއްތިޙާދުގެ ވަފްދާ ދެމެދު މެދުވެރިއެއްގެ ބައި އަދާކުރައްވާ ބައިނަލްއަޤްވާމީ މަންދޫބު އަލްއަޚްޟަރުލް އިބްރާހީމީ ވިދާޅުވީ ޙިމްސްއަށް އިންސާނީ އެހީގެ ތަކެތި ވެއްދުމުގެ ފުރްސަތު ދިނުމުގެ އިތުރުން ހަނގުރާމައިގެ ސަބަބުން އެރަށުގައި ތާށިވެފައިވާ އެތަށްހާސްބަޔަކަށް އަމާންކަމާއެކު އެރަށުން ނުކުތުމުގެ ފުރްސަތު ދިނުމަށްވެސް ސޫރިޔާ ސަރުކާރާއި އިދިކޮޅު އިއްތިޙާދުން އެއްބަސްވެފައިވާ ކަމަށާ މިހާރު މަސައްކަތްކުރަމުން ގެންދަނީ މިކަމާބެހޭ އެއްބަސްވުމެއް އެކުލަވާލުމުގެ ކަންތައްކަމުގައެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ އެންމެ ގިނަބަޔަކު ޙާލުގައިޖެހި ޙިސާރު ކުރެވިފައިވަނީ ޙިމްސްގައެވެ. ޙިމްސްގައި ލައްކައަކަށްވުރެ ގިނަ އާންމުން ހައިހޫނުކަމާއި ބަލިމަޑުކަމާއި ގަދަފިނި ތަހައްމަލްކޮށް އިންސާނީވޭންތައް އުފުލަމުންގެންދާތާ އެތަށް މަހެއްވެފައިވެފައިވާއިރު އެމީހުންގެ އިންސާނީ ޙާލަތުވަނީ ކާރިސާއެއްގެ ތެރޭގައިކަމަށް އިންސާނީ އެހީދިނުމަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެއެވެ. ސުލްޙައިގެ ވާހަކަތަކުގައި ބައިވެރިވާ ސޫރިޔާ ސަރުކާރުގެ ވަފްދުންވަނީ ޙިމްސް އެކޭއެއްގޮތަށް ހަނގުރާމައިގާ ހިސާރުކޮށްފައިވާ އެހެން ސަރަހައްދުތަކުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށްވެސް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރްސަތު ދިނުމަށް ތައްޔާރަށް އޮތްކަމަށް ބުނެފައެވެ.

އަނެއްކޮޅުން ސޫރިޔާގައި ވެރިކަމުގެ އިންތިގާލީ މަރްހަލާއެއް ގާއިމްކުރުމާބެހޭގޮތުން ދެން ބާއްވާ ބައްދަލުވުމެއްގައި މަޝްވަރާ ކުރުމަށް ސޫރިޔާ ސަރުކާރުގެ ވަފްދާއި އިދިކޮޅު އިއްތިޙާދުގެ ވަފްދު އުސޫލެއްގެ ގޮތުން އެއްބަސްވެފައިވާ ކަމަށްވެސް އަލްއަޚްޟަރުލް އިބްރާހީމީ ވިދާޅުވިއެވެ. މިއީ މިކަމާބެހޭގޮތުން މަޝްވަރާކުރުމަށް ސޫރިޔާގެ ވަފްދުން ކުރިން ކަނޑައެޅިގެން ދެކޮޅު ހަދާފައިވާ ކަމެކެވެ. މިކަމަކީ ސޫރިޔާގެ އިދިކޮޅު އިއްތިޙާދުގެ ވަފްދު އެންމެކުރިންވެސް ބޭނުންވެގެން އެދުނުކަންތަކެވެ.

ސރިޕޯޓްތައް ބުނާގޮތުން ސޫރިޔާގެ ސުލްޙައިގެ ވާހަކަތަކުގައި ބައިވެރިވާ އެގައުމުގެ ސަރުކާރުގެ ވަފްދުންވަނީ ސަރުކާރުގެ ޖަލުތަކުގައިވާ އިދިކޮޅު ފަރާތްތަކުގެ 2500 އަންހެނުންނާއި ކުޑަކުދިން މިނިވަންކުރުމަށްވެސް އުސޫލެއްގެ ގޮތުން އެއްބަސްވެފައެވެ. އަދި އިދިކޮޅު އިއްތިހާދުގެ ވަފްދުންވަނީ ހަނގުރާމަވެރިންގެ އަތްދަށުގައިވާ ސަރުކާރު ފަޅީގެ 47 ހާސްމީހުންގެ ނަންތައް ސަރުކާރުގެ ވަފްދާ ހަވާލުކޮށްފައި ކަމަށްވެސް މީޑިޔާ ރިޕޯޓްތައްބުނެއެވެ. (އަލްޖަޒީރާ)