27 Jan 2014, 16:09
ކާބުލް: އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ގާއިމް ކުރި އަނިޔާވެރި ބަޣުރާމް ޖަލުން 37 މީހުން މިނިވަން ކޮށްފި އެވެ.
އަފްޣާނިސްތާން ސަރުކާރުން އެ މީހުން މިނިވަން ކުރީ އެމެރިކާއިން އެކަމާ ދެކޮޅު ހަދަމުން ދަނިކޮށެވެ. އަލްޖަޒީރާ ބުނީ މިނިވަން ކުރި މީހުންނަކީ ނުރައްކާތެރި މީހުން ކަމަށް ބުނެ އެމެރިކާއިން އެ ކަން ކުށްވެރިކޮށްފައިވާ ކަމަށެވެ. އެމީހުން މިނިވަން ކުރީ ގާނޫނާ ހިލާފަށް ކަމަށް ވެސް އެމެރިކާއިން ވަނީ ބުނެފަ އެވެ.
ބަޣުރާމް ޖަލުން މިނިވަން ކުރި 40 ޕަސެންޓް މީހުންނަކީ އަފްޣާނިސްތާނުގެ އާއްމުންނާއި ސިފައިން ހިމެނޭ ގޮތުން 57 މީހުންނަށް ހަމަލާދީ މެރުން ނުވަތަ ޒަހަމްކުރުމުގައި ސީދާ ގޮތުން ބައިވެރިވެފައިވާ މީހުން ކަމަށް އެމެރިކާ ބުނެ އެވެ. އަދި އޭގެ ތެރެއިން 30 ޕަސެންޓް މީހުންނަކީ އެމެރިކާ ނުވަތަ ބިދޭސީ އެހެން ސިފައިންގެ 60 މީހުންނަށް ހަމަލާދީ މެރުން ނުވަތަ ޒަހަމް ކުރުމުގައި ބައިވެރިވެފައިވާ މީހުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެ މީހުން އެކަން ކަމުގައި ބައިވެރިވެފައިވާ ކަމުގެ ހެކި ހުރި ކަމަށް އެމެރިކާ ސަރުކާރުން ބުނި ނަމަވެސް އެ މީހުންގެ ކަންތައް ބެލި އަފްޣާން ސަރުކާރުގެ ރިވިއު ބޮޑުން ކުރިން ބުނެފައި ވަނީ ހެކި ނެތް ކަމަށެވެ.
ބަޣުރާމް ޖަލުން ބަޔަކު މިނިވަން ކުރި މައްސަލައިގައި އަފްޣާން ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އެގައުމުގެ ރައީސް ހާމިދު ކަރުޒާއީ ވިދާޅުވެފައި ވަނީ ބަޣުރާމް ޖަލަކީ "ތާލިބާނުން އުފައްދާ ފެކްޓްރީއެއް" ކަމަށެވެ.
"ބަޣުރާމް ޖަލަކީ ކުށެއް ނެތް މީހުންނަށް ފުރައްސާރަކޮށް، ލާއިންސާނީ އަނިޔާތައްދީ، ނުރައްކާތެރި ކުށްވެރިންނަށް އެމީހުން ހަދާ ތަނެއް،" ކަރުޒާއީ ވިދާޅުވެފައިވެ އެވެ.